logo

ޕީއެސްއައިޕީ މަޝްރޫއުތަކަށް 3.2 ބިލިއަން ރުފިޔާ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް 3.2 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް މި އަދަދު ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.7 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް 3.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން 7 ދާއިރާއަކުން 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިގްތިސާދީ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 1.3 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެ ތެރެއިން 997.6 މިލިޔަން ރުފިޔާ އަކީ ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރި ހޭދައެވެ.

އާންމު ހިދުމަތުގެ ދާއިރާއަށް 576.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ބިން ބެލެހެއްޓުމުގެ މަސައްކަތްތަކަށެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއަށް 480 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 123އިންސައްތަ ބޮޑު ކުރިއެރުމެކެވެ. މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށެވެ.

ސިއްހީ ދާއިރާއަށް 206.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ދާއިރާއަށް ހަރަދުކުރީ 73.2 މިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޕީއެސްއައިޕީއަށް ކުރާ ޖުމްލަ ހަރަދު ދަށްވުމަކީ މަޝްރޫއުތައް ހިންގުމުގައި ހަރަދުތައް ހަރުދަނާކޮށް ބަލަހައްޓަމުންދާ ކަމުގެ ހެއްކެކެވެ. ސަރުކާރުން މިހާރު ވަނީ މަޝްރޫއުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް "ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް" ވެސް ގާއިމްކޮށްފައެވެ.

މި ފަންޑުގެ އެހީގައި، ކުރިއަށް އޮތް ތަނުގައި މަޝްރޫޢުތައް ފަށާނީ އެކަމުގެ ފައިދާއާއި ބޭނުންތެރިކަމަށް ބަލައި، ފުރިހަމަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ad