ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރީޖް އާއެކު މާލެއިން ހައްޔަރު ކުރި 3 ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލ ކޯޓުން ޖައހައިފިއެވެ
މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހެވެ. އޭރު މަރިޔަމް ޢިޝާ އަޝްރަފާއި ހުސައިން ޝާވިންގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެވެ. އަދި މުޙައްމަދު ނާހިލްގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. ނާހިލްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މިދިޔަ މަހުގެ އަށްވަނަ ދުވަހެވެ.
އެއަށްފަހު އެ ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ތިން މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.
އެއަށްފަހު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް އަމުރުކޮށްފައެވެ. އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ތިން މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އެ ތިން މީހުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.
އެގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާއާއި ސޯކޯ ރިޕޯޓާއި ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.މީގެ އިތުރުން ތިން މީހުން ތިބި އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ތިން މީހުންގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ޝާވިން އޭނާއަށް ކުރާތުހުމަތުތަކަށް އިންކާރުކުރާ ކަމަށާއި ތިން މީހުންވެސް ޝަރުތުކުރުމަށްފަހު ބަންދަށް ލުއިދިނުމަށް އެދިފައިވާ ކަމަށް ތިން މީހުންގެ ބަންދު އަމުރުގައިވެސް ވަނީ ފާޙަގަކޮށްފައެވެ. އަދި ނާހިލްއާއި ޢިޝާގެ ކޯޓު އަމުރުގައި މަސްތުވާތަކެތި ފެނުނު ތަނަކީ، އެ ދެ މީހުން ދިރިއުޅޭ ތަން ނޫންކަމަށް ބުނެފައިވެއެވެ. ޢިޝާއާއި ޝާވިންގެ ބަންދު އަމުރުގައި، އެ ދެ މީހުންނަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުން ކަމަށްވެސް ބުނެފައިވެއެވެ.
އެ އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެއެވެ.

