logo

ތުރުކީން އެތެރެކުރާ މުދަލުން ޑިއުޓީ އިނާޔަތް ހޯދުމަށް ހާއްސަ ލިޔުމެއް ހުށަހަޅަންޖެހޭ

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ސޮއިކޮށް ޢަމަލުކުރަން ފަށާފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ގެ ދަށުން އެތެރެކުރާ މުދަލަށް ޑިއުޓީ އިނާޔަތް ހޯދުމަށް، އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ "ޕްރިފަރެންޝިއަލް ސެޓްފިކެޓް އޮފް އޮރިޖިން" ހުށަހަޅަންޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމުގެ ދަށުން، ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ ވަކި ބާވަތްތަކެއްގެ މުދަލުން ޑިއުޓީގެ ބޮޑެތި އިނާޔަތްތަކެއް ލިބިގެންދާނެއެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޖުމްލަ 404 ބާވަތެއްގެ މުދަލަކަށް ޑިއުޓީގެ ލުއި ލިބޭނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ޑިއުޓީ ކަނޑާލި 293 ބާވަތެއް ހިމެނޭއިރު، ބާކީ 111 ބާވަތަކީ ކުރިންވެސް ސުމެއް އިންސައްތައިގައި ޑިއުޓީ ހުރި ތަކެއްޗެވެ.

މި އިނާޔަތްތައް ލިބޭނީ ހަމައެކަނި ތުރުކީވިލާތުގައި އުފައްދާ އެ ގައުމުގެ އަމިއްލަ އުފެއްދުންތަކަށް ކަމަށް ކަސްޓަމްސް އިން ފާހަގަކުރެއެވެ. އެހެންކަމުން، މުދާ އެތެރެކުރާ ފަރާތްތަކުން ތުރުކީގެ ކަމާބެހޭ އިދާރާއިން ދޫކުރާ "ޕްރިފަރެންޝިއަލް ސެޓްފިކެޓް އޮފް އޮރިޖިން" ކަސްޓަމްސްއަށް ހުށަހެޅުމަކީ ލާޒިމު ކަމެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން ލުއި ލިބޭ މުދަލުގެ ތަފްސީލީ މައުލޫމާތު ކަސްޓަމްސްގެ ވެބްސައިޓުގައިވާ "ޓެރިފް ސާޗް ޓޫލް" މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެއެވެ.

މިހާރުވެސް ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ އަދަދު ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ. މިއީ ރާއްޖެއާއި ބޭރު ޤައުމަކާ ދެމެދު ވިޔަފާރީގެ ދާއިރާއިން ވެވުނު މިފަދަ ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިން ޗައިނާއާއެކު މިފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ad