ރަސްމާލޭ މަޝްރޫއުގައި އީގަލް ހިލްސްއާއެކު އެކުލަވަލާފައިވާ އެއްބަސްވުމާ ގުޅިގެން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުދިއުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަންކަމުގައި ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަށް ނިންމެވި ނިންމެވުމަކީ، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގައި ބަސްބުނުމަށް ރައްޔިތުންނަށް ލިބިދީފައިވާ ހައްގަށް އިހުތިރާމު ނުކުރެއްވުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ފައިސަލް ނަސީމް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެފައެވެ. ހުޅުމާލޭ ލޯކަލް މާރުކޭޓަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައިސަލް މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ސަރުކާރުން ބުނެފައިވާ ބުނުމާ ގުޅޭގޮތުން ސުވާލު ދެންނެވުމުންނެވެ. ފައިސަލް ވިދާޅުވީ، ރައްޔިތުންނާ ސީދާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި ރައްޔިތުންގެ ވޯޓަކަށް އެދި ގޮވާލަމުންދާ ގޮވާލުންތަކަށް ރައީސް މުއިއްޒު އިޖާބަދެއްވާފައި ނުވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަސްލަހަތާ ނުހަނު ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ވޯޓެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން މިއަށްވުރެ ކުދިކުދި ކަންކަމުގައި ވެސް ރައްޔިތުންގެ ވޯޓު ހޯދާފައިވާއިރު، މިހާ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދަން ސަރުކާރުން ބޭނުންނުވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއާ ގުޅޭ އެއްބަސްވުމާމެދު ރައްޔިތުން އަދިވެސް ދަނީ ސީރިއަސް ސުވާލުތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އަދި އެ ކަންބޮޑުވުންތައް ސަރުކާރުން ދޫކޮށްލައި، ނުފެންނަކަމަށް ހަދައިގެން ނުވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. ރައްޔިތުންގެ ހިޔާލަށް އިހުމާލުވުމުގެ ނަތީޖާ ވަރަށް ހިތިވެދާނެ ކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. ފައިސަލް ވިދާޅުވީ، ރައީސް މުއިއްޒަށް އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ރައްޔިތުންގެ ހިޔާލަށް ފުރިހަމައަށް ބެލުމެއް ނެތި ކަންކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ރައްޔިތުންގެ އެދުންތަކާއި މަސްލަހަތާ އެއްގޮތަށް ވެރިކަން ކުރެއްވުން ކަމަށެވެ. ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ހާއްސަކޮށް އޭގެ އެއްބަސްވުމުގެ ޝަރުތުތަކާއި، ދެފުށް ފެންނަ މިންވަރާއި، އަދި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހޭ މިންވަރާ މެދު އާންމުންގެ މެދުގައާއި ސިޔާސީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ މައުޟޫއެކެވެ.


