logo

ތަނަވަސްކަން އިތުރު ވާނީ ނިޒާމަށް ބަދަލެއް އައިސްގެން: ރައީސް ނަޝީދު

މަރްޔަމް
6 ގަޑިއިރު ކުރިން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް އައިސްގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ތާއިދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި ޖުމްހޫރިއްޔަތެއްގައި ބާރުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާއެއްގެ ސީދާ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަަނަވަސް އަޣުލަބިއްޔަތު އެއިރެއްގައި ހުންނަވާ ރައީސަކަށް ލިބިވަޑައިގަތުމުން، އެހެން ހުރިހާ ބާރެއް ވެސް ރައީސަށް ނެންގެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަން އެގޮތަށް ދިމާވުމުން ވަރަށް ބޮޑަށް ހުދުމުހުތާރު އަދި މަޝްވަރާގެ ފުރުސަތު ވެސް ކުޑަވާ ކަމަށާއި، ތަނަވަސް ރަނގަޅު ނިންމުންތައް ނުނިންމާ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ނުހޯދި، ކަންކަން ނިންމެމުން މިދަނީ އެހެންވެގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދާނީ ނިޒާމަށް ބަދަލެއް އައިސްގެން. ސަރުކާރުގެ ވެރިޔާއަކީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ހޮވާ ވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހުގައި، ދައުލަތުގެ ވެރިޔާއާ ސަރުކާރުގެ ވެރިޔާ ދެމީހުން ތިބޭގޮތަށް ހަދަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްވެ "ބޮޑު ބަދަލު"ގެ ނަމުގައި އަންނަނީ ރައްޔިތުންނަށް ފަލްސަފާއެއް ހުށަހަޅަމުންނެވެ. "ބޮޑު ބަދަލު" ގެ ތެރެއިން ގެންނަން ބޭނުންވާ ނިޒާމުގައި ސަރުކާރުގެ ވެރިއަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ މީހެކެވެ. އަދި ދައުލަތުގެ ވެރިއަކަށް ހުންނަ ބޭފުޅަކު ހޮވާނީ އެކި ދާއިރާތަކުން ހޮވާލެވޭ ބޮޑު މަޖިލީހަކުންނެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ މަގާމު އުމުރަށް ދެމިގެން ދިޔުމާއި މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަަމަށް ހެދުން ހިމެނެއެވެ. އަދި ކައުންސިލަރުންނާއި މަޖިލިސް މެންބަރުންގެ ރުހުމާއި އެކު ނޫނޫނީ ގާނޫނަށް ބައެއްކަހަލަ ބަދަލުތައް ނުގެނެވޭ ގޮތަށް ހެދުން ހިމެނެއެވެ.

ad