logo

މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންނަށް 38 މިލިޔަން ރުފިޔާ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވަނީ ޒަކާތު ހައުސިންއިން މިދިޔަ އަހަރު ހޭދަކުރި ކަންކަމާއި ކުރި މަސައްކަތްތަކުގެ ތަފްސީލްތައް އާންމުކޮށްފައެވެ. މި ރިޕޯޓުގައި ޒަކާތު ހައުސްއިން މިދިޔަ އަހަރު ހޭދަކުރި ކަންކަމާއި ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

ޒަކާތު ހައުސްގެ ރިޕޯޓުގައިވާ ގޮތުން، ފަޤީރުންނާއި މިސްކީނުންގެ ބައިގެ އިތުރުން ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ އަދި މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3,500 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެއިތުރުން، ދަރަނިވެރިންނަށް 1 މިލިޔަން ރުފިޔާ، ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ހައުސްއިން އެހީ ހޯދުމަށްޓަކައި ޒަކާތު އިދާރީ ކޮމިޓީއަށް 2111 މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަތުގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސާފައެވެ. މިގޮތުން މިިދިޔަ އަހަރު އެހީގެ ގޮތުގައި 23.14 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ބޭސް ފަރުވާއަށް ހަމަޖައްސައިދިން އެހީއެވެ. މީގެ ތެރެއިން އެންމެ ގިނައީ ބޭސްފަރުވާއަށް ހަމަޖައްސައިދިން އެހީއެވެ.

އިދާރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބޭސްފަރުވާއަށް އެހީ ހަމަޖައްސައިދީފައިވާ މައިގަނޑު ދާއިރާތަކަކީ:

ކެންސަރު: 5.2 މިލިޔަން ރުފިޔާ

ހިތުގެ ބަލިތައް: 710,101.43 ރުފިޔާ

ޓްރާންސްޕްލާންޓް: 3.5 މިލިޔަން ރުފިޔާ

ސިކުނޑީގެ ބަލިތައް: 1.6 މިލިޔަން ރުފިޔާ

ފުއްޕާމޭގެ ބަލިތައް: 929,403.13 ރުފިޔާ

ކިޑްނީ ބަލިތައް: 646,251.50 ރުފިޔާ

އެހެނިހެން: 10.3 މިލިޔަން ރުފިޔާ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލާއެކު އެ ދަފްތަރުގައި ރަޖިސްޓަރވުމަށް ހުޅުވާލުމުން، މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމު އަދި އަތޮޅުތެރެއިން 311 ފޯމް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 77 ރަށަކުން އެއްވެސް މީހަކު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިނުވާއިރު، އެ މުއްދަތުގައި ޖުމްލަ 2,852 މީހުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވެއެވެ.

މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ދަފްތަރުގައިވާ 2,772 މީހުންނަށް ބޮަލަކަށް 4,500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ. މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.20 މިލިޔަން ރުފިޔާ ލިބުނުއިރު، ދަފްތަރުގައި ތިބި 2,852 ފަޤީރުންނަށް ބޮލަކަށް 5,000 ރުފިޔާގެ ރޭޓުން ޖުމުލަ 14.26 މިލިޔަން ރުފިޔާ ބަހާފައިވާކަމަށްވެސް މި ރިޕޯޓުން ދައްކައެވެ.

ad