logo

ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤް

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ދިވެހިރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެހެންކަމުން، އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އައްޔަން ކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ.

ޠާރިޤް އިބްރާހިމްއަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ.

އެޖަމްޢިއްޔާ އުފެދުނީންސުރެ ރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމެކެވެ. ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޢަދަދު 169 އަކަށް އަރައެވެ.

ad