logo

ހައްޖު ކޯޕަރޭޝަންގެ އެމްޑީ އީސީގެ މެންބަރުކަމަށް އައްޔަންކުރަނީ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ އެ މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅެވެ. އެގޮތުން، އެމަޤާމަށް ދަފްތަރު ނަންބަރު ރސ. 13449، މުޙައްމަދު ޝަކީލް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ޝަކީލުގެ ނަންފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަކީލް މީގެކުރިން ވެސް ވަނީ އީސީގެ މެމްބަރުކަން ކުރައްވައިފައެވެ. އެގޮތުން ޑިސެމްބަރު 2014 އިން މެއި 2018 އާ ހަމައަށް ކޮމިޝަނުގެ މެމްބަރުކަން ކުރެއްވިއެވެ. އަދި ސެޕްޓެމްބަރު 2013 އިން ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި މެމްބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲ އެވެ.

ad