logo

3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެއްޗަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށެވެ. މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން" އެވެ.

View post on Twitter

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.6 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އަދި މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އެ ޚިދުމަތުން ވަނީ އަންދާޒާކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ކަސްޓަމްސްއިން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.

ad