logo

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި

މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް ގެނައުމަށް ހުށަހެޅި މުހިންމު އިސްލާހުތައް އެ ޕާޓީގެ މަތީ މަޖިލީހުގެ ފުރިހަމަ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

ޕީއެންސީގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުން މިއަދު ފެށިގެން ކުރިއަށްދާއިރު، މި އިސްލާހުތައް ފާސްކޮށްފައިވަނީ މި ބައްދަލުވުމުގެ ފުރަތަމަ ސެޝަނުގެ ތެރޭގައެވެ. އަދި އިސްލާހުތަކާއެކު އަލަށް އެކުލަވާލެވުނު އަސާސީ ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.

ޖުމްލަ 1،064 މަންދޫބުންގެ ބައިވެރިވުމާއެކު ބޭއްވި މި ސެޝަނުގައި، ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލު ވަނީ ހިއްސާކުރައްވާފައެވެ.

ގަވާއިދަށް ގެނެވުނު ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމެވެ.

ޕާޓީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 15 ކޮމިޓީއެއް އެކުލަވައިލާފައިވާކަން އެސްޖީ އިއުލާނުކުރެއްވިއެވެ. މި ކޮމިޓީތަކުގެ ތެރޭގައި އިގްތިސާދީ، ގައުމީ ސަލާމަތް، ސިއްހީ، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގެ ކޮމިޓީތައް ހިމެނެއެވެ.

ފަތުހީ ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ދައުރާއި، ސްޓިއަރިން ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް މިހާރު ވަނީ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށް، ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށްފައެވެ.

މި އިސްލާހުތަކުގެ ދަށުން ޕާޓީގެ އިސް ސަފުގައި މެންބަރުންގެ ޝާމިލުވުން އިތުރުކުރުމަށްޓަކައި މުޅިން އާ ގުނަވަންތަކަކާއި ހަރަކާތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާއިން 41 ވަނަ މާއްދާގެ ދަށުން ދީނީ ޢިލްމުވެރިންގެ މަޖިލިސް އުފައްދާފައިވާއިރު، 41 ވަނަ މާއްދާއިން 45 ވަނަ މާއްދާގެ ދަށުން އަންހެނުންގެ ހަރަކާތް ވަނީ ހިމަނާފައެވެ. މީގެއިތުރުން ޒުވާނުންގެ ހަރަކާތާއި އިސްރަށްވެހިންގެ ހަރަކާތްވެސް ވަނީ އަލަށް ތައާރަފުކޮށްފައެވެ.

ad