logo

އައު ރިހެބިލިޓޭޝަން ސެންޓަރުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: ވަޒީރު

މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

އަލަށް އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ވެގެންދާނީ ފެންވަރު ރަނގަޅު ފަރުވާ ލިބޭ ތަނަކަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހިންމަފުށީގައި އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މި އިމާރާތުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.

ޑްރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ފާއިތުވި ސަރުކާރުތަކުންވެސް ކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޑްރަގުގެ މައްސަލަ ފެތުރިފަވާ މިންވަރާ އަޅާބަލާއިރު ކުރެވިފައިވާ މަސައްކަތްތައް ވަރަށް ކުޑަ ކަމަށެވެ.

ހިންމަފުށީގައި ހުރި އިމާރާތަކީ ވަރަށް ބައުވެ ވީރާނާވެފައިވާ ތަނެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަލަށް ޤާއިމްކުރާ ޑްރަގު ފެސިލިޓީން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ލިބިގެންދާނެ ކަމަށެވެ.

މި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ވަޒިރު ވަނީ ހިންމަފުށީ ކައުންސިލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.

500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.

ad