ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ހިރާސްތައް ނައްތާލާ، އެފަދަ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ އެކި ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އޯގާވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. މިއަހަރުގެ ޝިޢާރު، "ލިވްޑް އެކްސްޕީރިއަންސެސް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" ގެ މައްޗަށް ބައްލަވާލައްވާ، އެމަނިކުފާނު ވިދާޅުވީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެގެންދާނީ އެފަދަ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، މެންޓަލް ހެލްތް ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 އާއި ޑެމެންޝިއާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026-2036، ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަމިއްލައަށް މަރުވުން ފަދަ މައްސަލަތަކަށް ހައްލުހޯދުމަށް ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، މަރުކަޒީ އަދި ސަރަހައްދީ ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ 2026-2037 އަދި މެންޓަލް ހެލްތް އެކްޓް ތަންފީޒުކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން، އެންމެންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ، ފަރުވާ ލިބުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި، ޤާނޫނީ ބިންގަލެއް އެޅިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
،ނަފްސާނީ ޚިދުމަތްތައް ޞިއްޙީ ނިޒާމުގެ ތެރެއަށް އިތުރުކޮށް، ޞިއްޙީ ޚިދުމަތްތެރިން އެދާއިރާއިން ތަމްރީނުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އެގޮތުން، ޓެލެ-މެންޓަލް ހެލްތް އާއި ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާގެ މާޙައުލާއި، މުޖުތަމަޢުގައި ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ކުއްލި ޙާލަަތްތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖޭގެ ކުރިމަގަކީ ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ ޞިއްޙީ ނިޒާމެއް ބިނާވެފައިވާ، މުޖުތަމަޢުން ޚިދުމަތްދެވޭ، އަދި މައްސަލަތައް އިސްވެ ޙައްލު ހޯދާ ރާއްޖެއަކަށްވުމުގެ އުންމީދު ތަކުރާރުކުރައްވާފައިވެއެވެ. އަދި، ނަފްސާނީ ޚިދުމަތްތައް ހުރަހެއްނެތި ލިބުމުގެ މުހިންމުކަމާއި، އާއިލާ، ސްކޫލް އަދި ވަޒީފާގެ މާހައުލުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން، ނަފްސާނީ ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން އެކަމަށް ބޭނުންވާ ފަރުވާ ހޯދުމަށް ލަދުވެތިވުން ހުއްޓުވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ފާހަގަކުރައްވާ، ނަފްސާނީ ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން އެކަނި އެކަމާއި ކުރިމަތިލާންނުޖެހޭ ރާއްޖެއެެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ތަކުރާރުކުރައްވަމުންނެވެ. އަދި، ނަފްސާނީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އޯގާތެރިވުމާއި އިޖާބަދިނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަނީ މިކަންކަން ތަކުރާރު ކުރައްވާފައެވެ. އެގޮތުން، ނަފްސާނީ ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ދަތިތަކަށް އިޖާބަދީ، އެފަދަ ފަރާތްތަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާނޭ ކަމަށްވެ އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މެންޓަލް ހެލްތް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް އިތުރު ފުރިހަމަކަމެއް ގެނެވި، ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ އާއި މެންޓަލް ހެލްތް އެކްޓް އިތުރަށް ހަރުދަނާވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި، ޓެލެ-މެންޓަލް ހެލްތް އާއި ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކުރެވެމުންދާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މެސެޖެއް ޙިއްޞާކުރެއްވިއެވެ. އެކަމަނާގެ މެސެޖުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ފެންވަރު ބިނާވެފައިވަނީ ޚިދުމަތް ލިބޭ ފަރާތްތަކާއި، މުޖުތަމަޢާއި، އާއިލާ، ސްކޫލް އަދި ވަޒީފާގެ މާހައުލުން ލިބޭ އެހީތެރިކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި، އެފަދަ އެހީތެރިކަމުގެ ސަބަބުން ނަފްސާނީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.


