logo

އިމްރާން ހައްދަވަނީ ކަނޑައެޅިގެން ދޮގު، ޖައްސަވަނީ ސިޔާސީ ސްޓަންޓް: އަޒާން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރު އަތުން މި ސަރުކާރުގެ އިސްވެރިން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތު ކުރައްވާ "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި އިމްރާން ހައްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި، އެއީ ޖެއްސެވި ސިޔާސީ ސްޓަންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން ވިދާޅުވީ "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ ހަރަކާތަކީ ރައްޔިތުންނަށް އޮޅުވާލަންވެގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖެއްސެވި ސިޔާސީ ސްޓަންޓެއް ކަމަށެވެ. އަޒާން މިހެން ވިދާޅުވެފައިވާއިރު ރޭގެ އެއްވުމުގައި އިމްރާން ވަނީ އެ މަޝްރޫއުގެ ތެރެއިން އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރު އަތުން ސަރުކާރުގެ އިސްވެރިން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން އަޒާން ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން ފުރިފައިވާ ތަނެއްގައި، އެންމެންގެ ކުރިމަތީގައި ރިޝްވަތުގެ މުއާމަލާތެއް ހިނގި ކަމަށް ބުންޏަސް އެއީ ހަމަބުއްދި ހުރި އެއްވެސް އިންސާނަކު ގަބޫލުކުރާނެ ވާހަކައެއް ނޫން ކަމަށެވެ.

އަދި މީގެ ކުރިންވެސް، ސިޔާސީ ޕޯޑިއަމްތަކުގައި ލިޔެކިޔުންތަކެއް ދައްކަވައި، އެއީ މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ހެކިކަމަށް ވިދާޅުވެ، ރައްޔިތުންނަށް އިމްރާން އޮޅުވާލާފައިވާކަން އަޒާން ވަނީ ހަނދާންކޮށް ދެއްވައިފައެވެ.

އަޒާން ވިދާޅުވީ އިމްރާން އަމިއްލަފުޅަށް ވެސް ޖަވާބުދާރީވާންޖެހޭ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އެބަހުރި ކަމަށާއި އެކަމުގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދަން، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ގޮވާލާކަމަށެވެ.

ad