logo

ފޮއްޓެއް އަރުވައިގެން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

ގދ. ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައުލޫމާތު 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެންނެވެ. އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު މޫދަށް ވެއްޓިފައިވެއެވެ. މި ހާދިސާގައި ސައިކަލުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، 17:47 އެހައިކަންހާއިރު ސައިކަލު ވަނީ މޫދުން ނަގައި އުޅަނދު މިހާރު ވަނީ ވެރިފަރާތާ ހަވާލުކުރެވިފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަމެވެ. މީގެ އިތުރުން، ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެން އަދި އުޅަނދު ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށް ވެސް އިލްތިމާސްކުރަމެވެ.

ad