logo

ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެ

މަޒީ
3 ގަޑިއިރު ކުރިން

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެ، ދުރު ފެންނަ މިންވަރު ކުޑަވުމާ ގުޅިގެން ޞިއްޙީ ގޮތުންނާއި ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މޫސުމީ މިންގަނޑުތަކަށް ބަލާއިރު، ވައިގެ ނުސާފުމިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ޕީއެމް 2.5 ގެ މިންވަރު މަތިވެފައިވާއިރު، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަހަރީ މިންގަނޑަށްވުރެ ބޮޑުތަނުން އިތުރު އަދި އާންމު ސިއްހަތަށް ނުރައްކާ އޮތް އަދަދެކެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ އަތޮޅުތަކަށް ދުންފުހުގެ ބޯ އަސަރު ފޯރަމުންދާއިރު، ދެކުނުގެ ސަރަހައްދުތަކުގައި މި ހާލަތު އޮތީ ނިސްބަތުން ރަނގަޅު ފެންވަރެއްގައެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު މިއަދު ވައިގެ ހާލަތު އެންމެ ރަނގަޅީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އެހެން ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ހުރީ، ނިސްބަތުން ދަށް މިންވަރެއްގައެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ ރަށްތަކަށް ދަނީ، ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ނިސާފުމިން (އެއަރ ކޮލިޓީ އިންޑެކްސް) ހުރި މިންވަރު :

- މާލެ ސަރަހައްދު: 119

- ށ. ފުނަދޫ: 94

- ދ. ކުޑަހުވަދޫ: 88

- ލ. ފޮނަދޫ: 77

- ފުވައްމުލައް ސިޓީ: 60

- އައްޑޫ ސިޓީ: 56

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ދުވަސްވަރު ރައްޔިތުންގެ ސަލާމަތަށް ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް ނޭވާހިއްލުމާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން ކުޑަކުދިން ބޭރުތެރޭގައި ގިނަވަގުތު ނޫޅުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު ބޭނުންކުރުމަށް އެ އެޖެންސީން ބާރުއަޅައެވެ. މީގެއިތުރުން ކަނޑުމަތީގެ ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ad