logo

އަމީނީ މަގުގެ މަސައްކަތް ނިންމާ ހުޅުވާލަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

އަމީނީމަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ ގޮތުން ތިންވަނަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރަޙައްދުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ.

މި މަޝްރޫޢުގެ މަސައްކަތް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ތިންވަނަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަރާމާތުކޮށްފައިވަނީ ދެ ސެގްމަންޓެކެވެ. އެއީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2 ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ. މި ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެމްޓީސީސީން ބުނީ މި ސެގްމަންޓުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ad