logo

ރިސޯޓްތަކަށް ފަރުމަސް ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސަނީ: ވަޒީރު ޝިޔާމް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ދިވެހި މަސްވެރިން ބާނާ ފަރުމަހުގެ ބާވަތްތައް ރިސޯޓުތަކަށް ސީދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ޕްރޮމޯޝަން ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި ކުންފުންޏަކީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރުވެސް ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް ބްރިޖެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އެ ކުންފުނިން ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް، އަދިވެސް އެދެވޭ ފުރިހަމަ ހައްލެއް މިކަމަށް ނުލިބޭ ކަމަށާއި، ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހި ބާޒާރަށް މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މަގު ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފްކޯއިން ކަންނެލި ގަތުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ޝިޔާމް ދެއްވިއެވެ.

ad