logo

ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނެ، އިސްރާއީލާ ކުރިމަތިލާނަން: ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް

ސައިފު އަޒުހަރު
11 ދުވަސް ކުރިން
ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް:

ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް:

ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނޭކަމަށް، އެ ޖަމާއަތުގެ ވެރިޔާ ނައީމް ގާސިމް ވައުދުވެވަޑައި ގެންފިއެވެ.

އޭނާ މިކަމަށް ވައުދުވެވަޑައި ގެންނެވީ، އިސްރާއީލުން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި، ހިޒްބުﷲގެ ބާނީ ޝައިޚް ހަސަން ނަސްރުﷲ އަވަހާރަވިތާ އެއް އަހަރު ފުރުމާ ދިމާކޮށް ދެއްވި ބަޔާނެއްގައެވެ.

ނައީމް ގާސިމް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ކިތަންމެ ވަރަކަށް ގޮވާލިޔަސް، ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނޭ ކަމަށެވެ.

ހަމަ އެއާއެކު، އިސްތިއުމާރީ އިސްރާއީލަށް "ހިދުމަތްދޭން" ހިންގާ ކޮންމެ މަޝްރޫއަކާ ހިޒްބުﷲއިން ކުރިމަތިލާނޭކަމަށް ވައުދުވެވަޑައިގެންފައި ވެއެވެ.

އިސްރާއީލަކީ ލުބުނާނަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމް ގާސިމް ވިދާޅުވީ، ހިޒްބުﷲއަށް ކުރިމަތިލާންޖެހުނީ "ގްލޯބަލް ހަނގުރާމަ" އަކާ ކަމަށާއި، އެއީ، އެމެރިކާއާއި ޔޫރަޕްގެ ތާއީދާއެކު އިސްރާއީލުން ފެށި ހަނގުރާމައެއް ކަމަށެވެ.

އެހެން ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ހިޒްބުﷲއިން ކުރިހޯދައި، ދުޝްމަނުންގެ މައްޗަށް ގަދަވެގަތްކަން، ފާހަގަ ކުރެއްވިއެވެ.

ނައީމް ގާސިމްގެ ބަޔާނުގައި، ލުބުނާނު އާރާސްތުކުރުމާއި، ލުބުނާނުގެ އިސްތިގުލާލާއި އެއްބައިވަންތަކަމަށް އިސްކަންދިނުމަށް ލުބުނާނު ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ.

އޭނާގެ ވާހަކައިގައި، އައްޝައިޚް ހަސަން ނަސްރުﷲއަކީ، 1990 ގެ އަހަރުތަކުން ފެށިގެން ހިޒްބުﷲއިން ހިންގާ ދެކޮޅުވެރިކަމުގެ ކާމިޔާބީތަކުގެ ތަރިކައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ހަސަން ނަސްރުﷲއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.

އިސްތިއުމާރީ އިސްރާއީލަށް 2000 ވަނަ އަހަރު ލުބުނާނުން ފައިބަންޖެހުނީ ހިޒްބުﷲގެ ދެކޮޅުވެރި ހަމަލާތަކަށް ކެތް ނުކުރެވިގެންނެވެ.

ހަމަ އެއާއެކު، 2006 ވަނަ އަހަރު ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ކުރި ހަނގުރާމައާއި، ސޫރިޔާގައި ކުރި ހަނގުރާމަވެސް، ނައީމް ގާސިމް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރަޙައްދުގެ މޫނުމަތި ބަދަލުކޮށްލީ، ހިޒްބުﷲގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ.

ad