ބަރުދަން ލުއިކުރުމަށް ބޭނުންވެ އެއްގޮތަކުންވެސް އެކަން ކާމިޔާބު ނުވެ އުޅޭ އެތައް ދިވެހިންނެއް އެބަ ތިއްބެވެ. ޚާއްޞަކޮށް ތައްޔާރީ ކާނާއާ ބިޒީ ލައިފްސްޓައިލެއްގައި ގިނަ ބަޔަކު އުޅެން ޖެހިފައިވާ މި ޒަމާނުގައި ޞިއްޙީ ގޮތުން ހުންނަން ވާ ވަރަށް ވުރެ ބަރުދަން އިތުރު މީހުން ދިވެހިންގެ ތެރޭގައިވެސް ފަހަކަށް އައިސް އަންނަނީ ގިނަވަމުންނެވެ. މީގެ ސަބަބުން ދެން ކުރިމަތިވާ ޞިއްޙީ މައްސަލަތައްވެސް މިހާރު ވަނީ އާންމުވެފައެވެ.
މިދެންނެވި ފަދަ ފަރާތްތަކުން ބަރުދަން ލުއިކުރަން ބޭނުންވެ ކަސްރަތު ކުރަން ފަށަން ކޮންމެ ހަފްތާ ބަންދަކަށް "ދުވާ ބޫޓު" ރެޑީ ކޮށްގެން ތިބެ އަހަރު ދެއަހަރު ވާއިރުވެސް "ބިޒީ ކަމުން" އެކަމާ ނޫޅެވިދެއެވެ. އަނެއް ބަޔަކު ކެއުން ކޮންޓްރޯލް ކޮށްގެން ބަރުދަން ލުއިކުރަންވެގެން ދެ ދުވަހަކު މާ ވަރުގަދަ "ޑައިޓެއް" ގައި އުޅެފައި ތިންވަނަ ދުވަހު ގޮސް މޭރީބްރައުންއިން ޗިކެން މީލްއެއް ކާލައެވެ.
ސައިންޓިފިކް ނަޒަރަކުން ބަލާނަމަ ބަރުދަން ލުއިކުރުމުގެ މުޅި މެކޭނިޒަމް ބިނާވެފައިވަނީ ހަށިގަނޑަށް އެތެރެވާ ކެލޮރީއާއި ހަށިގަނޑުން އަންދާ ކެލޮރީގެ ހިސާބުގެ މައްޗަށެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް މި އޮންނަނީ އާންމު ގޮތެއްގައި ކަސްރަތު ކުރުމާއި ކެއުން ކޮންޓްރޯލްކޮށްގެން ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދުކުރުމެވެ. މި ދެގޮތުންކުރެ ބަރުދަން ލުއިކުރުމަށް އެންމެ "އިފެކްޓިވް' ގޮތަކާމެދު ކުރެވޭ ބަހުސަކީ އަބަދުވެސް ކުރެވޭ ބަހުސެކެވެ. މި ރިޕޯޓުގައި އަޅުގަނޑު މި ބަލާލަނީ މިކަމުގެ މައްޗަށެވެ.
ބަރުދަން ލުއިކުރުމުގެ ސައިންޓިފިކް ބިންގާ
ބަރުދަން ލުއިވުމުގެ އެންމެ އަސާސީ ޤަވާއިދަކީ 'ކެލޮރީ ޑެފިސިޓް' އެއް އުފެއްދުމެވެ. މާނައަކީ، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދު ކެލޮރީ އެތެރެކުރުމެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، އެއް ކިލޯގެ ސަރުބީގައި ގާތްގަނޑަކަށް 7700 ކެލޮރީ ހުރެއެވެ. އެހެންކަމުން، އެއް ކިލޯގެ ސަރުބީ ވިރުވުމަށް ޖުމްލަ 7700 ކެލޮރީގެ ޑެފިސިޓެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހެއެވެ. މި ބީދައިން، ދުވާލަކު 500 ކެލޮރީގެ ޑެފިސިޓެއް އުފައްދައިފިނަމަ، ގާތްގަނޑަކަށް ދެ ހަފްތާއިން އެއް ކިލޯ ލުއިކުރެވޭނެއެވެ.
ކެއުން ކޮންޓްރޯލް ކުރުން
ބަރުދަން ލުއިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު، އަދި އެންމެ އަސާސީ، އެންމެ ފަސޭހައިން ބޮޑު ޑެފިސިޓެއް އުފެއްދޭ ގޮތަކީ، ކެއުން ކޮންޓްރޯލް ކުރުމެވެ. ތަޖުރިބާކާރުން އިރުޝާދު ދެއްވާ ގޮތުގައި، ކަސްރަތުކޮށްގެން ކެލޮރީ އެންދުމަށް ވުރެ، ކެއުމަށް ބަދަލު ގެނެސްގެން ކެލޮރީ މަދުކުރުމަކީ މާ ފަސޭހައިން ކުރެވޭނެ ކަމެކެވެ. މިސާލަކަށް، ދުވުން ފަދަ ކަސްރަތެއް 30 މިނެޓު ވަންދެން ކޮށްގެން އަންދާލެވެނީ ގާތްގަނޑަކަށް 300-400 ކެލޮރީއެވެ. ނަމަވެސް، މީހާގެ ދުވާލުގެ ކެއުމުން ކައްކާފައި ހުރި ދެ ޖޯޑު ބަތް ނަގާފައި ބަދަލުގައި ޕްރޮޓީން އަދި ފައިބަރ ގިނައިން ލިއްބައިދޭފަދަ ތަރުކާރީއާއި މަހުގެ ބާވަތްތަކުން ތަށި ފުރާލައިގެންނާއި ދުވާލެއްގެ މައްޗަށް ބޭނުންކުރާ ހަކުރު މަދުކޮށްލައިގެން އެއަށްވުރެ ގިނަ ކެލޮރީ ހަށިގަނޑަށް އެތެރެވުން އެބަ ހުއްޓުވާލެވެއެވެ. އެހެންވެ، ކެއުން ކޮންޓްރޯލް ކުރުމުން ހަށިގަނޑަށް އެތެރެވާ ކެލޮރީ ސީދާ މަދުކުރެވޭތީ، މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކުރުމަށް އެންމެ އެކަށީގެންވާ ގޮތްކަން ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.
ކަސްރަތުގެ ދައުރު: ބަރުދަން ދިފާޢުކުރުމާއި ސިއްޙަތު
ކެއުން ކޮންޓްރޯލް ކުރުމަކީ ބަރުދަން ލުއިކުރަން އެންމެ މޮޅު ގޮތް ކަމުގައި ވިޔަސް، ކަސްރަތަކީވެސް މުޅިން ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. ޚާއްޞަކޮށް، ބަރުދަން އެއް ހަމައެއްގައި ހިފެހެއްޓުމަށާއި، ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް އަދި މީހާގެ ހެލިފެލިވެ އުޅުމުގެ ޤާބިލުކަމާއި އޯވަރއޯލް ފިޒިކަލް ފިޓްނެސްއަށް ކަސްރަތުގެ ދައުރު މުހިންމެވެ.
ޚާއްޞަކޮށް ހަށިގަނޑުގެ މަސްލް މާސް ދެމެހެއްޓުމަށް ކަސްރަތު ބޭނުންވެއެވެ. އެހެންނޫނީ މީހާގެ މެޓަބޮލިޒަމް، ނުވަތަ ހަށިގަނޑުން ހަކަތަ ބޭނުންކުރާ ރޭޓް ދަށްކޮށްލާނެއެވެ. އެހެންކަމުން މަސްލްސް ރައްކާތެރިކޮށް، ހިތުގެ ސިއްޙަތު ރަނގަޅުކުރުމަށާއި، މީހާގެ މޫޑު ރަނގަޅުކޮށް ބެހެއްޓުމަށް އަދި ނަފްސާނީ ދުލަހެޔޮކަމާއި ހިތްހަމަޖެހުން އިތުރުކުރުމަށްވެސް ހަފްތާއަކު މަދުވެގެން 150 މިނެޓަށް އާދައިގެ ކަސްރަތެއް ކުރުން މުހިންމެވެ.
ދިރާސާތަކުގެ ނަތީޖާ: 80/20 ރޫލް
ގިނަ އަދަދެއްގެ ތަޖުރިބާކާރުންނާއި ދިރާސާތަކުން ދައްކާ ގޮތުގައި، ބަރުދަން ލުއިކުރުމުގެ ކާމިޔާބީގައި ކެއުމުގެ ދައުރު ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރެއެވެ. އަދި ކަސްރަތުގެ ދައުރު 20 އިންސައްތަ ހިއްސާކުރެއެވެ. މި ނިންމުން ބިނާވެފައިވަނީ، ކެލޮރީ ޑެފިސިޓް އުފެއްދުމުގެ މުހިންމުކަމަށެވެ. މިސާލަކަށް، އެމެރިކާގައި، ބަރުދަން ލުއިކޮށް ދިގު މުއްދަތެއްގައި އެ ބަރުދަން ދަމަހައްޓައިފައިވާ މީހުން ބޭނުންކޮށްގެން ހެދި ދިރާސާކުން އެނގިފައިވަނީ، ބަރުދަން ލުއިކުރުމަށް އެންމެ ކާމިޔާބު ގޮތަކީ، ވަކި ޑައިޓެއް ހިފެހެއްޓުމާއެކު އާދަކޮށް ދުވާލަކު ގާތްގަނޑަކަށް ސާޅީސް މިނެޓުގެ ކަސްރަތު ކުރުމެވެ. މާނައަކީ، ހަމައެކަނި ދެކަމުގެ ތެރެއިން އެއްކަމެއް ކުރުމަށްވުރެ، ދެކަން އެކުގައި ކުރިއަށް ގެންދާ މީހުންނަށް ދިގު މުއްދަތުގައި ބޮޑު ކާމިޔާބީއެއް ލިބިގެންދިޔައޭއެވެ.
ނިންމުން: އެންމެ ރަނގަޅު ގޮތް
ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި، އެންމެ ބޮޑު އަސަރެއް ކުރާ އެއްޗަކީ ކެއުން ކޮންޓްރޯލް ކުރުމެވެ. އެއީ 'ކެލޮރީ ޑެފިސިޓް' އެންމެ ފަސޭހައިން އުފައްދައިދޭ ގޮތަކީ އެއީ ކަމަށްވާތީއެވެ. ނަމަވެސް، އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް ހަމައެކަނި ކެއުން ކޮންޓްރޯލްކޮށްގެން ބަރުދަން ލުއިކުރުމަކީ ސިއްޙަތަށް އެހާ ފައިދާހުރި ގޮތެއް ނޫނެވެ. އެހެންކަމުން، ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް، ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތަކީ، ކެއުން ކޮންޓްރޯލްކުރުމަށް އިސްކަންދޭ އިރު، ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށާއި މެޓަބޮލިޒަމް ރަނގަޅުކުރުމަށްޓަކައި ކޮންމެވެސް ވަރަކަށް ކަސްރަތުވެސް ކުރުމެވެ. ކުރުކޮށް ބުނާނަމަ، ބަރުދަން ލުއިކުރުމަށް، 'ކެއުން ކޮންޓްރޯލް ކުރުން' ބޭނުންވާ އިރު، ލުއިވާ ބަރުދަން އިތުރުވިޔަ ނުދިނުމަށް 'ކަސްރަތު' ބޭނުންވެއެވެ.

.jpg&w=256&q=75)
