logo

އިނިގިރޭސި ޝާހީ އާއިލާއާ ގުޅުމަށްފަހު ފިލްމީ ދާއިރާ ދޫކޮށްލި މޭގަން އެނބުރި އެކްޓިންއަށް

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
16 ދުވަސް ކުރިން

އެމެރިކާގެ ކުރީގެ އެކްޓްރެސް، މިހާރު ޑަޗެސް އޮފް ސަސެކްސް މެގަން މާކަލް މިވަނީ އަލުން އޭނާގެ އަސްލަށް، އެކްޓިންއަށް އެނބުރި ރުޖޫއަވެފައެވެ. އަދި މިފަހަރު އޭނާ ކުޅެނީ އޭނާގެ އަމިއްލަ ކެރެކްޓަރއެވެ.

ޕީޕަލް މެގަޒިން އިން ރިޕޯޓްކުރާ ގޮތުގައި، ޑަޗެސް އޮފް ސަސެކްސް ވަނީ ޕްރިންސް ހެރީއާ 2017 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށްފަހު ހޮލީވުޑުން ދުރުވުމަށްފަހު ފުރަތަމަ ފަހަރަށް ރަސްމީކޮށް އެކްޓިންއަށް އެނބުރި އައިސްފައެވެ. އެގޮތުން މެގަން ވަނީ ކުރިއަށް އޮތް އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ ކޮމެޑީ ފިލްމު 'ކްލޯސް ޕާސަނަލް ފްރެންޑްސް' ގައި ކެމިއޯއެއް ކުޅެފައެވެ. މި ފިލްމުގެ ތަރިންނަކީ ބްރީ ލާސަން، ލިލީ ކޮލިންސް، ޖެކް ކުއޭޑް، އަދި ހެންރީ ގޯލްޑިންއެވެ. މޭގަން އެނުބުރި ސްކްރީނަށް އަންނަ މި ފިލްމަކީ ކޮމެޑީއެކެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން މައުލޫމާތު ދިންކަމަށް ބުނެ ޕީޕަލް މެގަޒިނުން ރިޕޯޓްކޮށްފައިވަނީ ކެލިފޯނިއާގެ ޕަސަޑީނާގައި ހުރި ސެޓްގައި މެގަން ހުރީ "ވަރަށް ހަމަޖެހިފައި އަދި އުފަލުގައި" ކަމަށާއި، އޭނާ "އެންމެންނަށް އޭނާގެ ނަން ތަޢާރަފްކޮށްދީ، ވަރަށް ހިތްހެޔޮ އަދި ހިތްތިރި މީހެއްގެ ގޮތުގައި" ފެނިގެންދިޔަ ކަމަށެވެ. މި ކުޑަ ރޯލަކީ، އިނގިރޭސި ޝާހީ އާއިލާގެ ދިރިއުޅުމަށްޓަކައި އޭނާ ދޫކޮށްލި ފިލްމީ ކެރިއަރަށް އެނބުރި ވާސިލުވުމުގެ ފެށުމެވެ.

ދަ ސަން ނޫހުގެ ރިޕޯޓްތަކަށް ބަލާއިރު – އެ ނޫހުން ވަނީ މޭގަން އެކްޓިންއަށް އެނބުރި އައުމަށް "ޝޮކް ރިޓާން" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. މެގަންއަށް މީގެ ކުރިންވެސް އެކްޓިން އޮފަރތައް ލިބުނު ނަމަވެސް މި ޕްރޮޖެކްޓަކީ އެކްޓިންގެ ދުނިޔެއާ އަލުން ގުޅުމަށް އެންމެ ރަނގަޅު ރޯލުކަމަށް އޭނާ "ޗޫޒް ކުރީ" ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފިރިމީހާ ހެރީއާއެކު އިނގިރޭސި ޝާހީ ޢާއިލާގެ ރަސްމީ މަސައްކަތްތަކުން ދުރުވެގެން އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ، މޭގަން މިހާރު ދިރިއުޅެނީ ޕްރިންސް ހެރީއާއި އެމީހުންގެ ދަރިކަލުން ޕްރިންސް އާޗީ އަދި ދަރިކަނބަލުން ޕްރިންސެސް ލިލިބެޓްއާ އެކު މޮންޓެސީޓޯގައެވެ.

ad