logo

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގެ ހިމާޔަތަށް ފޮނުވި މަނަވަރު އިޓަލީން އަނބުރާ ގެންދިޔަ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފި

ސައިފު އަޒުހަރު
7 ދުވަސް ކުރިން
"ގްލޯބަލް ސުމުދް ފްލޮޓިލާ" ގެ ހިމާޔަތުގައި ކަމަށް ބުނެ ފޮނުވި މަނަވަރު، ގާފިލާއަށް އިންޒާރުތައް ދިނުމަށްފަހު މިހާރުވަނީ އަނބުރާ ގޮސްފައި:

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގެ ހިމާޔަތުގައި ކަމަށް ބުނެ ފޮނުވި މަނަވަރު، ގާފިލާއަށް އިންޒާރުތައް ދިނުމަށްފަހު މިހާރުވަނީ އަނބުރާ ގޮސްފައި:

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާގެ ހިމާޔަތުގައި ދަތުރު ކުރަމުން އަންނަ އިޓަލީ ކަނޑުގެ ސިފައިންގެ މަނަވަރު އަނބުރާ ގެންދިއުމުން، ގާފިލާއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

އިޓަލީގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ޣައްޒާގެ ކަނޑުގެ އައްސޭރިއާ 150 ނޯޓިކަލް މޭލާ ހަމައަށް ގާފިލާ ގާތްވުމުން އިޓަލީގެ މަނަވަރު އަނބުރާ ދާނޭ ކަމަށެވެ.

އެގޮތަށް ނިންމީ، އިސްރާއީލާއެކު "ސިޔާސީ ކުރިމަތިލުމަކަށް" ދިއުމަށް ބޭނުން ނުވާތީ ކަމަށްވެސް ބުނެފައި ވެއެވެ.

ދިފާއީ ބުޒާރާއިން މިކަން ހާމަކުރިތާ މާ ގިނައިރެއް ނުވަނީސް، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީވަނީ "ގްލޯބަލް ސުމުދް ފްލޮޓިލާ" ގެ ދަތުރު ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ.

އޭނާ ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ ޕްލޭންގެ ސަބަބުން ސުލްހައިގެ އުންމީދު އާވެފައިވާ ކަމަށާއި، ގާފިލާގެ ދަތުރުގެ ސަބަބުން "ސުލްހައަށް" ކުރެވޭ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވާނޭ ކަމަށެވެ.

އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާވެސްވަނީ، ގާފިލާގެ ބޯޓުތަކުގައި ގެންދާ އެހީގެ ސާމާނު ސައިޕްރަސްއަށް ބޭލުމަށްފަހު ބޯޓުތައް އަނބުރާ ދިއުމަށް ގޮވާލާފައެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާއަށް ހިމާޔަތް ދެމުން އައި އިޓަލީގެ ކަނޑު ސިފައިންގެ މަނަވަރު އަނބުރާ ދިއުމުން އެ ގާފިލާއާއެކު ދެން ބާކީ ތިބީ ސްޕެއިނާއި، ތުރުކީގެ މަނަވަރުތަކެވެ.

އިޓަލީ ސަރުކާރުން ގާފިލާގެ ހިމާޔަތަށް މަނަވަރެއް ފޮނުވީ "ކަންދައްކަން" ކަމަށް، ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހިމެނޭ ބޯޓުތަކުން މީހުން ބާލަން އިޓަލީގެ މަނަވަރުން މަސައްކަތް ކޮށްފައިވާތީ، އިޓަލީން ގާފިލާ ކައިރިއަށް މަނަވަރެއް ފޮނުވީ އިސްރާއީލާ ގުޅިގެން ގާފިލާ ހުއްޓުވަން ކަންވެސް މިހާރުވަނީ ތުހުމަތު ކުރެވިފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް އިޓަލީން ދެކޮޅު ހެދުމާއި، ޣައްޒާގައި ހިންގާ ނަސްލުނައްތާލުން ހުއްޓުވަން އެއްވެސް ކަމެއް ނުކުރުމާއި، އިސްރާއީލަށް އަދިވެސް ހަތިޔާރު ފޮނުވާތީ، މިދިޔަ ހަފްތާއިން ފެށިގެން މުޅި އިޓަލީ ދަނީ ކެކިއަރަމުންނެވެ. އާންމުން ހުރިހާ ސިޓީތަކެއްގެ މަގުތަކަށް ނުކުމެ މުޅި އިޓަލީ "ބަންދު" ކޮށްފައި ވެއެވެ.

އިޓަލީން މަނަވަރު އަނބުރާ ގެންދިޔަ ނަމަވެސް، ގާފިލާ މިހާރުވެސް ދަނީ ޣައްޒާއާ ދިމާއަށް ދަތުރު ކުރަމުންނެވެ.

އެންމެފަހުން ލިބުނު ރިޕޯޓްތައް ބުނާގޮތުގައި "ގްލޯބަލް ސުމުދް ފްލޮޓިލާ" މިހާރުވަނީ ޣައްޒާގެ އައްސޭރިފަށާ 120 ނޯޓިކަލް މޭލު ދުރުގައެވެ.

އިސްރާއީލުގެ މަނަވަރަކާއި، ގަންބޯޓުތައް ރޭގައި ގާފިލާއަށް ހުރަސްއަޅަން އެތައް މަސައްކަތެއް ކުރި ނަމަވެސް، ގާފިލާގެ މިސްރާބު ހުރީ ޣައްޒާއަށެވެ.

ad