މޯލްޑިވްގޭސްއިން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު އިތުރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެނައި މި ބަދަލާއެކު، ކުރިން ރޭގަނޑު 08:30 އާ ހަަމައަށް ގޭސް ޑެލިވަރީ ކުރުމުގެ ހިދުމަތް ދެމުން ދިޔަ ނަމަވެސް، މިހާރު އެ ކުންފުނީގެ ކޯލް ސެންޓަރުން ރޭގަނޑު 10:00 އާ ހަމައަށް ގޭސް ޑެލިވަރީއަށް އޯޑަރު ކުރެވޭނެއެވެ.
މޯލްޑިވްސްގޭސުން ބުނީ މިގޮތަށް ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ގޭގޭތަކުގައި އަދި ކެފޭތަކުގައި ވެސް ބަދިގެތައް ވަރަށް ހަލަބޮލި ވަގުތަކަށް ވާތީ، ގޭސް ހުސްވެއްޖެނަމަ ދަތިކަމާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ.
މި ބަދަލުގެ ސަބަބުން، މިހާރު ރޭގަނޑު 08:30 ގެ ފަހުން ސައިކަލުގައި ގޭސްފުޅި ހިފައިގެންގޮސް ހިދުމަތް ހޯދުމަށް ދަތުރު ކުރަންޖެހޭ ހާލަތްތައް ހުއްޓުމަކަށް އަންނާނެއެވެ.
މިއީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި މުހިންމު ބަދަލެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެކުންފުނިން ބުނެއެވެ.

