logo

ވިހަ މާއްދާއެއް ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އަންގައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ޖަރުމަނުންގެ ކުންފުންޏަކުން އުފައްދާ ކުޑަކުދިންނަށް ހާއްސަ ކާނާއެއް ކަަމަށްވާ ހިޕްއިން ވިހަ މާއްދާއެއް ފެނިގެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި ހިޕް މަރުކާގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތަކެއް ބާޒާރުން ނަގަން ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އެ އުފެއްދުންތަކުގައި "ރޮޑެންޓްސައިޑް" ނަމަކަށް ކިޔާ ވިހަ މާއްދާއެއް އެކުލެވިގެންވާ ކަމަށް ޝައްކު ކުރެވޭތީއެވެ. ރޮޑެންޓްސައިޑަކީ އާންމުކޮށް މީދާ ފަދަ ތަކެތި މަރަން ބޭނުންކުރާ ނުރައްކާތެރި ވިހަ ކެމިކަލެކެވެ.

މި މައްސަލައާ ގުޅިގެން މިހާރު އޮސްޓްރިއާގެ ފުލުހުންގެ އިދާރާއިން ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ތަހުގީގު ކުރިއަށްދަނީ ކާނާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށް ވާތީއެވެ.

އެމްއެފްޑީއޭއިން ވިދާޅުވި ގޮތުގައި، މި އުފެއްދުމަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް އެކި ފަރާތްތަކުން މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަރުކާގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށް، އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި މިފަދަ އުފެއްދުންތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އެއްވެސް އުފެއްދުމެއް ފެނިއްޖެނަމަ އެކަން އެމްއެފްޑީއޭއަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

ad