މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43 އިންސައްތަ އަނބުރާ ހޯދައި، ރިކަވާކޮށްދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ބުނީ މި ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 (ހަތަރުލައްކަ ނުވަދިހަ ހަހާސް ތިންސަތޭކަ އަށްޑިހަ ތިން ރުފިޔާ ފަންސާސް ލާރި) އެވެ. އޭގެ ތެރެއިން 211،684.50 (ދެލައްކަ އެގާރަހާސް ހަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ފަންސާސް ލާރި) ވަނީ ރިކަވާކޮށްފަ އެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައި ވެއެވެ.
އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ ނުވަ މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ ތިން މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ އެއް މައްސަލައެއް ހިމެނެ އެވެ. ބާކީ އަށް މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތަކެވެ.
މި ސްކޭމްތައް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކެވެ. އަދި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ވެސް މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރާއިރު ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރުގެ އިދާރާއަކުން ގުޅާ ކަމަށް ބުނި ނަމަވެސް އޯޓީޕީ އަދި ޕިން ފަދަ ސިއްރު މައުލޫމާތު ހިއްސާ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެ ނަމަ ނުވަތަ ޝައްކު ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި މައްސަލަ ދިމާވާ ވަގުތުން ފެށިގެން ވީ އެންމެ އަވަހަކަށް ރިޕޯޓު ކުރުމަކީ، ގެއްލުނު ފައިސާ ރިކަވާ ކުރެވުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ.

