ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، "ވެކޭޝަންސް އެކްސްޕޯ" ގެ 7 ވަނަ އެޑިޝަން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލޭގެ މެދުތެރޭގައި އޮންނަ ސެންޓްރަލް ޕާކުގައެވެ.
މި މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އެކްސްޕޯގައި ބައިވެރިވާ އެކި ފަރާތްތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ވެކޭޝަންސް އެކްސްޕޯގެ މަޤްޞަދަކީ އެއް ފުރާޅެއްގެ ދަށުން ދަތުރުފަތުރާއި ޗުއްޓީއާ ގުޅުންހުރި އެކި ޕެކޭޖުތަކުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. މި އެކްސްޕޯގައި އެއަރލައިންތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުން ބައިވެރިވެ، ޚާއްޞަ ޑިސްކައުންޓްތަކެއް ދަނީ ހުށަހަޅަމުންނެވެ.


