ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުމާއި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ. އެގޮތުން، ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދީ، އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުން.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ އަމަލަކަށް އެއްވެސް ފަރާތަކުން ޖާގަ ދީގެން ނުވާނެ ކަމަށެވެ.
މެއި 10 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާ ދުވަހެވެ.

