އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މާލޭގެ މަގުތަކުގައި ބައެއް އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފިއެވެ.
މި ނިންމުމަކީ އިންތިޚާބުގެ އިންތިޒާމުތައް ހަރުދަނާކޮށް، އަމާން އޮމާން މާހައުލެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އެ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި މި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، މި އެންގުމުން އިސްތިސްނާވާނީ ހަމައެކަނި ޚާއްސަ ހުއްދަ ލިބިފައިވާ އުޅަނދުތަކަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ ބަރު އުޅަނދުތަކުގެ ތެރެއިން އީ، ޑީ، ސީ2، ސީ0، އަދި ވީ ކެޓަގަރީގެ އުޅަނދުތަކަށެވެ. ނަމަވެސް، މި ނިންމުމުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އިސްތިސްނާވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި، އެގޮތުން ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކުށްތަކަށް ދޭ 750 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 299,876 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 225 ދާއިރާއަކުން 1,356 މެންބަރުން އިންތިޚާބު ކުރާނެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކާއި، ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

