ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު" މިއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތްކުރައްވައި މަތިވެރިކުރެއްވިއެވެ. އޭގެ ތެރޭގައި މި މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ޚާއްޞަ އަޅުކަމެއް ފަރުޟުކުރައްވައި، ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ހިމެނެއެވެ.
ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކު، ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެކެވެ. މާތް ނަބިއްޔާ ﷺ އަކީ ފާފަފުއްސަވައިދެއްވާފައިވާ ބޭކަލަކަށް ވީ ހިނދުވެސް، ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ތައުބާވެވަޑައިގަންނަވާ ކަމަށް ޙަދީޘް ކުރައްވާފައިވެއެވެ. ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަމާއި، ރޯދަ ފަރުޟުކުރެއްވުމުގެ ޙިކުމަތަކީވެސް ތަޤުވާވެރިވުން ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ވަކީން ޚާއްޞަކޮށް، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ހާމަކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޝަރުޢީ ޢުޒުރެއްގެ ސަބަބުން ރޯދަ ދޫކޮށްލާ މީހުންވެސް މަހުގެ ޙުރުމަތަށް ރައްކާތެރިވުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ.

