ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް އިސްލާހު ގެންނައިރު، ދިރާސާ ކުރާ ދެ ކަމެއް އެބައޮތް ކަމަށެވެ. އެއްކަމަކީ މަޖިލިސް މެމްބަރުންގެ ތެރެއިން ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންކަމުގައި ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އަންހެނުންނަށް ވެސް މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ އަދި ހިޔާލު ހޯދުމުގެ ވޯޓަށް ފަހުގައި، ދައުލަތުގެ އެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ އެކި ކަންކަމަށް ގެންނަ އިސްލާހުތައް ބަރޯސާވާނީ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއް މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިކަމާ ގުޅޭ ދިރާސާތައް ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރާނެ ސީދާ އިންސައްތަ އިޢުލާނު ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަތޯ ބެލުމަށް ނަގާ ވޯޓެކެވެ.

