ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފިއެވެ.
ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފިއެވެ.
ރާއްޖޭގެ ޙައްޖު މިޝަންގައި ހިމެނެނީ 10 މެމްބަރުންނެވެ.ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިން ފުރުމުގެ ކުރިން ސަޢުދީގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ބަލައި އިންތިޒާމުތައް ހަމަޖެހިފައިވާކަން އެ މިޝަނުން ކަށަވަރު ކުރާނެއެވެ.
އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާޢިރުތަކާއި، ދަތުރުފަތުރާއި، ކެންއިންބުއިމާއި، ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސަޢުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާއިރު، މިފަހަރު ހަތަރު ފްލައިޓެއްގައި މީހުން ދަތުރުކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ހައްޖަށް 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށައި، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން މިއަހަރު ހައްޖު މޫސުމަށް މައްކާގައި ގާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ހަމަޖައްސަވާފައެވެ.
މިއީ، ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން މައްކާގައި ގާއިމުކުރާ އޮފީހެކެވެ.
މައްކާ ޙައްޖު އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވާފައިވާއިރު، ރާއްޖޭގެ ފަރާތުން އިޝް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.
މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލު ވެސް ވަނީ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާ އި އައުޤާފާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަމައެގޮތުން ހައްޖު މޫސުމްގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މައްކާގައި ގާއިމު ކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސް ވަނީ އައްޔަން ކުރައްވާފައެވެ.

