logo

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ހުށަހަޅައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ބިދޭސީ މަސައްކަތްތެރިން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަން ނުޖެހޭ އުސޫލެއް ބަޔާންކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލްކުރުމުގެ އުސޫލުތައް ހަރުދަނާކޮށް ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖާކޮށް ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި އެ ނޫން ވެސް ވަޒީދާފޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން ގާނޫނު ތަންފާީޒުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެނައި އިސްލާހެކެވެ.

އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެންމެ މުހިންމު އެއް އިސްލާހުގައި ވަނީ ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާކުރަން ކެބިނެޓުން ނިންމިދާނެ ކަމަށެވެ.

އެގޮތަށް އިސްތިސްނާ ކުރާނެ ވިޔަފާރިތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަން ވާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

އަދި އެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހި ކުރުމާއި ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރަން ރިއާޔަތް ކުރަން ޖެހޭ ކަމަށް ވެސް ބިލްގައި ވިދާޅުވެފައިވެއެވެ.

އިސްލާހުގައި ވަނީ ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރަން ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތި ކުރަން ވާނެ ކަމަށެވެ.

އޭގެ އިތުރުން މައިންނަށް ދަރިންނާއިއެކު ހޭދަކުރުމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 30 މިނެޓްގެ ބަދަލުގައި ގަޑިއިރެއް ލިބިގެންދާނެ ގޮތަށް ވެސް ބިލްގައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިތުރު މުހިންމު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ ގޮތުން، މުވައްޒަފުން ވަޒިފާއިން ވަކިކުރާއިރު ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށް ގެނައި ބަދަލުތައް ވެސް ހިމެނެއެވެ. އަދި، ސަރުކާރު މުވައްޒަފުންގެ ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އެ މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

ad