logo

މުދާ ހޯދާއިރު ހިޔާނާތްތެރިވުމާއި، ރިޝްވަތުދިނުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ ހަރާމް ކަމެއް: ހުތުބާ

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހޭދަކުރުމުގައި އިގްތިސާދުކުރުން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. އެހެންކަމުން އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކުރަންވާނެ ކަމަށާއި، ހަމަ އެހެންމެ މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައިވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަވެއެވެ.

ހުތުބާގައި ބުނީ، މުދާ ލިބުމަށްފަހު މުދަލަށް ގެއްލުން ދިނުމާއި، މުދަ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީވެސް ހުއްދަ ކަމެއް ނޫނެވެ. އަދި އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމެކެވެ.

އަދި މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ. ހަމައެހެންމެ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަތުންފަދަ ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ގޮވާލިއެވެ.

އޭގެ އިތުރުން، ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭނެ ކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށެވެ. އެހެން ކަމުން ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ. އަދި ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ވަނީ އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހޭ ކަމަށާއި، ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ބުނެފައެވެ. އަދި އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރުމަށް ވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ad