logo

ރާއްޖޭގެ ބޮޑުބަޔަކަށް ކަނޑުގަދަވެ، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ކަނޑު ވަރަށް ގަދަކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7 ފޫޓާއި 4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާ ދުވަސްވަރަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ad