ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާއިގުޅުން ހުރި އިދާރާތަކާއި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ގޮތަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ކަސްޓަމްސް ބިލްޑިންގައި ބޭއްވި މި ފޯރަމުގައި ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމާއި ގުޅުންހުރި ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ކަސްޓަމްސް، ބަނދަރުތައް، މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ ކްލިއަރިންގ އެޖެންޓުންނާއި ބްރޯކަރުން އަދި މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ބޭނުންވާ މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް 60އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވިއެވެ.
މުދާ އެތެރެކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި، މި ފޯރަމުގައި ބައިވެރިވި ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ.
މިގޮތުން ރާއްޖެއަށް އިމްޕޯޓްކުރާ ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއަރކުރުމުގައި ހުރި ދަތިތަކަށް ހައްލު ގެންނާނެ ގޮތްތަކާއި، ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަ ދޭ އުޞޫލުތައް ލުއި ފަސޭހަ ކުރުމާގުޅޭގޮތުން ފޯރަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.
އަދި މިކަންކަން ހައްލުކުރުމަށް މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކާއި، މެދުރާސްތާ އާއި ދިގުރާސްތާގައި ގެނެވޭނެ ހައްލުތަކާމެދުވެސް ބައިވެރިން މަޝްވަރާކުރެއްވިއެވެ. މި ފޯރަމްއިން ކުރަން ނިންމުނު ކަންކަން ކަމާގުޅުންހުރި އިދާރާތަކާއި ޚިއްސާކޮށް އެކަންކަން ތާވާލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް ފޯރަމްގައި ނިންމާފައިވެއެވެ.

