logo

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ފަށައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށުމަށްފަހު މެދުކެނޑިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށްޓަކައި ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީޒް އާއި ތަކެތި މިހާރު ވަނީ ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ. އަދި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ފަށާފައި، މަސައްކަތް ކުރިއަށް ނުގޮސް އޮތް 400 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންގޮސް އިތުރު 2،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26ގައެވެ.

2024 ވަނަ އަހަރުގެ މޭ މަހު ފެށި މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 11 ފަންގިފިލާގެ 12 ޓަވަރު އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ޔުނިޓްތަކަކީވެސް 3 ކޮޓަރީގެ ތަނަވަސް އެޕާޓްމަންޓްތަކެކެވެ. ކުރީގެ ކޮންޓްރެކްޓަރުގެ ދަށުން މި މަސައްކަތުގެ 18 އިންސައްތަ ނިމިފައިވަނިކޮށް މަސައްކަތް ހުއްޓުނު ނަމަވެސް، އާ ކޮންޓްރެކްޓަރު ރެއިންބޯ ކޮންސްޓްރަކްޝަނުން މިހާރު ވަނީ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް އަމަލީ ގޮތުން މަސައްކަތް ފަށާފައެވެ.

މި 400 ޔުނިޓުގެ އިތުރުން އިތުރު 2,000 ހައުސިން ޔުނިޓް އެ ރަށުގައި އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

ކުޅުދުއްފުށީގައި ފެށި 400 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢަށް 443.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.

މި 400 ޔުނިޓްގެ އިތުރުން، ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށަށް ހާއްސަކޮށް ތަރައްގީކުރަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން، ކުޅުދުއްފުށީގައި އިތުރު 2000 ހައުސިން އިމާރާތްކުރާނެކަން ރައީސުލްޖުމްހޫރިއްޔާވަނީ އިއުލާނުކުރައްވާފައެވެ. މި މަސައްކަތްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ad