ކ. މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވާލަދޭ ކޯޒްވޭ (ބުރިޖް) މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މާފުށީގައި ބާއްވައިފިއެވެ.
ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމާއި، މިނިސްޓްރީ އޮފް ކޮންސްތްރަކްޝަން ހައުސިން އެންޑް އިންފްރާސްތްރަކްޗާރގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުގެ އިތުރުން އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގައި މި ކޯޒްވޭ އެޅުމުން، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމްޓީސީސީން ހާމަކުރަށްވާ ގޮތުގައި އެ ސަރަޙައްދުން ބޯހިޔާވެހިކަމާއި، ސިނާޢީ އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، މި ކޯޒްވޭގެ ސަބަބުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެއެވެ.
އަދި ހިއްކި ސަރަހައްދުން ބޮހިޔާވަހިކަމާއިމ ސިނައީ ބޭނުންތަކަށާއި، ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރެވޭއިރު، އުމުރާނީ ތަރައްގީގެ އާ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެ މިހާރަށްވުރެވެސް ރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކ. މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފަވަނީ 2021ވަނަ އަހަރުއެވެ. ބިން ހިއްކާފަވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ.

