ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ބީއެންޕީ އިން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރ ތާރިޤް ރަޙްމާނަށް، މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
300 ގޮނޑިއަށް 2000 އާއި ކައިރި ކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ބީއެންޕީ ފިޔަވައި އެންމެ ގިނަ ގޮނޑި ލިބިފައިވަނީ ވާދަވެރި ޖަމާޢަތު އިސްލާމީއަށެވެ. އެ ޕާޓީއަށް 70 ގޮނޑި ލިބިފައިވާއިރު، ބާކީ ހުރި ގޮނޑިތައް ލިބިފައިވަނީ ކުދި ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

