logo

1447 ވަނަ އަހަރުގެ ޙައްޖު: ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދިވެހި ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ލިބިދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ ޢަލީ ޝަރީފް ވިދާޅުވި ގޮތުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖާޖީން އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މި އަހަރުގެ އިންތިޒާމުތައް މީގެ ކުރިން ދުވަހަކު ވެސް ނުވާހާ ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.

މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ސަރަހައްދުގެ ފާހާނާތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 60 އަށްވުރެ ގިނަ ފާހާނާގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަރީފް ވިދާޅުވީ މި ފާހާނާތަކަކީ ހަމައެކަނި ދިވެހި ޙައްޖާޖީންނަށް ހާއްސަ ކުރެވިފައިވާ ތަންތަން ކަމަށެވެ.

ފާހާނާ ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ކިއޫ ކުޑަކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ފާހާނާ ބަރިތައް ހުންނައިރު ވުޟޫ ކުރުމަށްޓަކައި ފާހާނާތަކުގެ ތެރޭގައި ވަކި ހާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ޙައްޖާޖީންގެ އަރާމާއި ފަސޭހައަށްޓަކައި ޓެންޓުތަކުގެ އެތެރެއާއި ބޭރުގެ މާޙައުލަށް ވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ޝަރީފް ވިދާޅުވީ، ޓެންޓުތަކުގެ ތެރޭގައި މިފަހަރު ބޭނުންކުރާ ސޯފާ ބެޑްތައް ފްލެޓް ބެޑްތަކަށް ބަދަލުކޮށް ނަމާދު ކުރެވޭނެ ގޮތް އިންތިޒާމު ކުރަން ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން ޓެންޓުތަކުގެ ބޭރުގައި އިށީނދެލައިގެން ތިބެވޭނެ ބެންޗުތައް ބެހެއްޓުމާއި، އިރުގެ ދޯދިތަކުން ސަލާމަތްވުމަށްޓަކައި ބޭރުގައި ފުރާޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވުއެވެ.

އަދި ޓެންޓުތައް ފިނިކުރުމަށްޓަކައި ޓެންޓުތަކުގެ އެތެރޭގައި އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ވެސް މިހާރު ހަރުކުރަމުންކަންދާކަމަށްވެސް ވިދާޅުވިއެވެ.

ކެއިންބުއިމުގެ އިންތިޒާމުތަކަށް ބަލާއިރު، މިފަހަރު ޓެންޓުތަކާ ކައިރީގައި ކެއްކޭނެ ވަސީލަތްތަކާއެކު ބަދިގެއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 24 ގަޑިއިރު ހިލޭ ބުއިންތައް ލިބޭނެ އިންތިޒާމު ވެސް ޓެންޓުތަކުގައި ހުންނާނެކަން ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ޝަރީފް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ކުރީ އަހަރަށްވުރެ ޚިދުމަތްތައް ފުރިހަމަކުރުމެވެ. މިދިޔަ އަހަރު ހޮޓާތަކުގެ ފެންވަރު 4 ސްޓަރ އަށް ބަދަލުކޮށް، މިނާގައި ދިވެހިންނަށް ވަކި ޖާގައެއް ހޯދައިދިނުމުން ލިބުނު ކުރިއެރުމަށްފަހު، މި އަހަރުގެ އަމާޒަކީ ދިވެހި ޙައްޖާޖީންނަށް 'ލަގްޒަރީ' ފެންވަރެއްގެ ޚިދުމަތެއް މިނާގައި ފޯރުކޮށްދިނުމެވެ.

މި ހުރިހާ މަސައްކަތަކާއެކު 1447 ވަނަ އަހަރުގެ ޙައްޖު ދަތުރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމުތައް ރަނގަޅު ދަތުރަށް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ad