logo

އަމާޒަކީ 3 ހަފުތާގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ހަވާލުކުރަން ފެށުން: ވަޒީރު ޑރ.މުއްޠަލިބް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
3 ގަޑިއިރު ކުރިން

މިވަގުތު އެންމެ އިސްކަމެއް ދެނީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއި ގޯތި ހަވާލުކުރުން ކަމަށާއި، 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. މިމަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރުފަޅަށް ވަނީ ވަޑައިގެންފައެވެ. އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއިރު، އެތަނުގައި ހުންނަވާ ވަޒީރު ޑރ. މުއްޠަލިބު މިމަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.
ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު އިތުރަށް ބިން ހިއްކައި، ގޯތި ލިބިފައިވާ އެންމެނަށް ގިރާވަރުފަޅުން ބިން ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހާދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ. އެޕްލޭނަށް ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް އޮތް ޕްލޭނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުން އެންމެ އިސްކަމެއް ދިނީ ގިރާވަރުފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ފަރާތްތަކަށް އެއްބަސްވުމާއި އެއްގޮތަށް ވީހާވެސް އަވަހަށް ގޯތި ދިނުމަށް ކަމަށާއި، 3 ހަފްތާއެއް ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިން ހަވާލުކޮށް ނިމޭވަރަކުން ވަށާ ފާރު ރޭނުމާއި އެހެނިހެން ކަންކަމަށް ބިން ހުއްދަ ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ad