ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މޭ މަހުގެ 3 އިން 6 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެމިހުންނެވީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ހިއްސާވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ފުރިހަމަ އަޒުމުގައެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި ފާހަގަކޮށްލެވެއެވެ.
.


