logo

ކޭޕާކު މައްސަލައިގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ހަންބޯ ކުންފުންޏަށް ހުކުމްކޮށްފި

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

ހުޅުމާލޭގައި ތަރައްގީކުރާ "ކޭ-ޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތް މީހަކަށް އެއްބަސްވި މުއްދަތުގައި އެޕާޓްމަންޓް ހަވާލުނުކުރި މައްސަލައިގައި، ބަދަލުގެ ގޮތުގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން 'ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު'ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓުން ހަންބޯ ކުންފުންޏާ ދެކޮޅަށް ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދައުވާ ހުށަހެޅި ފަރާތަށް ބަދަލުގެ ގޮތުގައި 1،050،000 (އެއް މިލިއަން ފަންސާސް ހާސް) ރުފިޔާ އަދި އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، އެ އެޕާޓްމަންޓަކީ އެއްބަސްވުމާ އެއްގޮތަށް ދައުވާ ހުށަހެޅި ފަރާތާ ހަވާލުކުރަންޖެހޭ ތަނެއް ކަމަށާއި، މުއްދަތަށް ހަވާލުނުކުރުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ 1،050،000 (އެއް މިލިއަން ފަންސާސް ހާސް) ރުފިޔާއާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 10،000 ރުފިޔާއާއެކު ޖުމްލަ 1،060،000 ރުފިޔާ، 7 ދުވަސް ތެރޭ ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް މި ހުކުމުގައި ވަނީ ބުނެފައެވެ.

އަދި3 ޖޫން 2026 ވަނަ ދުވަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރެވެންދެން، ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން ދައުވާ ހުށަހެޅި ފަރާތަށް ދައްކަމުން ގެންދިއުމަށް ހަންބޯ ކުންފުންޏަށް ވަނީ އަމުރުކޮށްފައެވެ.

ކޭ-ޕާކް ރެސިޑެންސް މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަކަރާއި ހީލަތުގެ މައްސަލައެވެ. މި މައްސަލައިގައި ހަންބޯ މޯލްޑިވްސްގެ ހިއްސާދާރެއް ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އަށް ކްރިމިނަލް ކޯޓުން ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވައި ބޮޑު އަދަދަކުން ޖޫރިމަނާ ވެސްކޮށްފައެވެ.

މަންޑޭގެ މައްޗަށް ވަނީ ހަންބޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ގިނަ ބަޔަކަށް އޮޅުވާލައިގެން އެޕާޓްމަންޓްތައް ވިއްކިކަން ސާބިތުވެފައެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ދަނީ އިތުރު ފަރާތަކުން ހުށަހަޅާފައިވާ މައްސަލައއިގައި ވެސް ހުކުމް ކުރަމުންނެވެ.

ad