logo

އާންމުންނަށް ހުޅުވާލައިގެން ޚާރިޖީ ވުޒާރާއިން އޯޕަން ޑޭއެއް ބާއްވަނީ

މަޒީ
8 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، މިނިސްޓްރީގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޚާއްޞަ "އޯޕަން ޑޭ"އެއް ބޭއްވުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ "ޑިޕްލޮމަސީ ވީކް 2026"އާ ގުޅުވައިގެން، "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިޢާރުގެ ދަށުން ބާއްވާ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 3:00އިން 6:00އަށް އެ މިނިސްޓްރީގެ އިމާރާތުގައި ކަމަށެވެ. މިއީ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އޯޕަން ޑޭގެ ތެރެއިން އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ ކައުންޓަރުތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ "ވިސާ ކޯނަރ"އެއް ހުންނާނެއެވެ. އަދި ވީއެފްއެސް ސާވިސަސް ޑެސްކުން ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ ފުރިހަމަ އިރުޝާދު ލިބިގެންދާނެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެކަަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ހަރަކާތަކީ އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކޮންސިއުލަރ ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާ ރައްޔިތުންނާ ގާތަށް ގެނެސްދިނުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ ވަގުތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކޮށް މި ފުރުޞަތުގެ ބޭނުން ހިފުމަށް އެންމެހައި ރައްޔިތުންނަށް އެ މިނިސްޓްރީން ވަނީ ދަޢުވަތު އަރުވާފައެވެ.

ad