logo

ރަސްމާލެ މަޝްރޫޢާއި ދެކޮޅަށް އެމްޑީޕީންވެސް އަޑުއުފުލާތީ ރައީސް ނަޝީދު ފާޑު ވިދާޅުވުމުން އިބްރާހިމް ރަޝީދު (ބޮންޑޭ) ނުސީދާކޮށް ރައްދު ދެއްވައިފި

މަރްޔަމް
14 ގަޑިއިރު ކުރިން

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން، މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާގެ ނަމުގައި، ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދިއުމަށާއި، ތަފާތު ސަގާފަތްތަކަށް ޖާގަދޭ މިނިވަން ވިސްނުމެއްގެ މައްޗަށް އުފެއްދި ޕާޓީއެއް ކަމަށެވެ.
އަދި "ޓަކާ ޓަކާ ގޮވައިގެން" އާންމު ރައްޔިތުމީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށާއި، އެއީ ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، އަމިއްލަ އުފަން ވަޠަނަށް ޚިޔާނާތްތެރިވުމާއި އަމިއްލަ މައިމީހާއަށް ޚިޔާނާތްތެރިވުމާ ދެމެދު ހުރި އެއްގޮތްކަމުން، ޤައުމު ވިއްކާލަން އުޅޭ މީހުން އަޚްލާޤީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާކަން ހާމަކޮށްދޭ ކަމަށެވެ. އެގޮތުން، މި ދެ ކަމަކީވެސް ހިމާޔަތާއި، ވަކިވަކިވަންތަކަން (އައިޑެންޓިޓީ) އަދި އެއްވެސް ޝަރުޠަކާ ނުލައި ލިބޭ އަޅާލުމުގެ މައްޗަށް ބިނާވެފައިވާ އަސާސީ ގުޅުންތަކަކާ ޚިލާފުވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ ފަލްސަފާއާއި އަޚްލާޤިއްޔާތުގައި "ވަޠަން" އަދި "މައިމީހާ" މި ދެ ލަފްޒު ގިނައިން ގުޅުވާލެވެނީ، މި ދެ ފަރާތަކީވެސް އިންސާނާގެ އަޞްލު ފެށުމާއި، ބަލައިބޮޑުކުރުމާއި، އަދި އަދާކުރަންޖެހޭ ވާޖިބުތަކުގެ އެންމެ މަތީ މަރުހަލާ ރަމްޒުކޮށްދޭ ދެ ފަރާތް ކަމަށްވާތީކަމަށް ވިދާޅުވެ، އިބްރާހީމް ރަޝީދު ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ނުސީދާކޮށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

ad