ރޭގެ ލަސް ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ދަބަހަކީ އާރަށުގައި ކުޅެން ހުންނަވައިފައި، ކުޅެން ބޭނުންކުރެއްވި ބޫޓާއެކު ގެންނެވި ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ މިނިސްޓަރު މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހުގައި ޑޮލަރު ހުރިކަމަށް ދޭހަވާ މޭރުމުން ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، ރޭގައި ހައުސިން މިނިސްޓަރު މިތަނަށް ކަޅު ދަބަހެއް ހިފައިގެން އައި ވާހަކަ އަޑުގަދަކޮށް ދައްކަވާއިރުގައި އެމަނިކުފާނު އާރަށުގައި ކުޅެން ހުރެފައި ބޫޓާއެކު ގެނައި ދަބަހެއް ދަބަހަކީ، އާރަށުން އައިގޮތަށް މިތަނަށް އައީ އަޅުގަނޑުމެންގެ ބައްދަލުވުމަކަށް. ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ މިތަނުގައި ދައްކަވާއިރު މަނިކުފާނު [މަޖިލީހުގެ ރިޔާސަތުން] އެ ވާހަކަތައް ހުއްޓުވަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް އެހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކަޅު ދަބަހެއް ހިފައިގެން މުއްތަލިބު މަޖިލީހަށް ވަދެވަޑައިގެންނެވީ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ އަނގައިގައި ތަޅު އެޅުވުމަށް ކަމަށް ތުހުމަތު ކުރައްވައި ވާހަކަދެއްކެވުމުންނެވެ.
"އަޅުގަނޑު މި ހަދަނީ ތެދު، އަޅުގަނޑު މި ހަދަނީ ތެދު، ދިވެހިރާއްޖެއަށް ޑޮލަރު ވަދެއްޖެ، މި ރައްޔިތުންގެ މަޖިލީހަށް ޑޮލަރު ވަދެއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް މި ރައްޔިތުންގެ މަޖިލިސް ޑޮލަރުން ތިޔާގިވެއްޖެ، މި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ، ދިވެހިންގެ ބިން ވިއްކާލަން ތައްޔާރުވެއްޖެ،" މީކާއިލް ވިދާޅުވި އެވެެ.
މަޖިލީހުގެ ތަޅުމުގައި ބަހުސް ހޫނުވެފައިވާއިރު، ރޭގެ ލަސް ވަގުތެއްގައި މިނިސްޓަރު މުއްތަލިބު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އަދި، ރާއްޖޭގެ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު، މުޙައްމަދު ސަޢީދު ވަނީ މަޖިލީހަށް ވަޑައިގެން ޕީއެންސީގެ ބައެއް މެންބަރުންނާ ވާހަކަދައްކަވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު މުއްތަލިބު އާއި އުޝާމް މަޖިލީހުން ނުކުމެވަޑައިގެންނެވިއިރު، އެ ތަނުގައި އަދަދު ނޫހުގެ ނޫސްވެރިން ހަރަކާތްތެރިވަމުންދިޔަ އެވެ. މަޖިލީހުން މުއްތަލިބު ނުކުމެވަޑައިގެންނެވީ ބޮޑު ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެންނެވެ.
އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ އާއި މަޖިލީހަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައިތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މުއްތަލިބު ޖަވާބެއް ނުދެއްވި އެވެ.
މުއްތަލިބު މަޖިލީހަށް ކަޅު ދަބަހެއް ހިފައިގެން ވަޑައިގެންނެވި ވާހަކަ ތަކުރާރު ކުރެއްވުމާއެކު، ވާހަކަދެއްކުމަށް ހުރަސްއަޅުއްވައި ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވައިފަ އެވެ.
މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހަކީ ކުޅެން ގެންގުޅުއްވި ބޫޓަކާއެކު ގެންދެވި ދަބަހެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއިރު، އޭނާއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ނައިބުރައީސް، އަހުމަދު އަދީބު މަޖިލިސް މެންބަރުންނަށް ބެއްސެވިކަމަށް ބުނާ ފައިސާ ހިފައިގެން މެންބަރުންގެ ގާތަށް ވަޑައިގެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގައި 2016 ވަނަ އަހަރު އިއުތިރާފުވެވަޑައިގެންފަ އެވެ.
އޭރު ވެސް މުހައްމަދު އިސްމާއިލް އެ ވާހަކަތައް ދެއްކެވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާ ގުޅޭގޮތުން އެމްޑީޕީގެ މެންބަރުން ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވުމަށް ނެންގެވި ނިޒާމީ ނުކުތާއެއްގަ އެވެ.

