logo

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭ ބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅު އަޅަން މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިއްޖެ

މަޒީ
14 ގަޑިއިރު ކުރިން

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލު ހުކުމް ތަންފީޒުކުރަންޖެހޭ 240 މީހުންގެ ތެރެއިން 20 މީހަކު ތިބީ ގޭބަންދުގައި ކަމަށާއި މި މިމައްސަލަ ބަލައި ފިޔަވަޅު އަޅަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ގޭބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން ތިބީ މާލޭގައި ގޭ ބަންދުގައި ކަމަށެވެ.

މިއީ ކަންބޮޑުވުން އޮތް ކަމެއްކަމަށާއި މިހާ ހިސާބުން އިންސާފު ގާއިމު ކުރެވޭނެކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން ޢާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު މިވަގުތު ތިބީ ގޭބަންދުގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ވެސް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއާއެކު ވަނީ ހިމަނުއްވާފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށް ޕެރޯލްގެ ފުރުޞަތު ނުލިބޭނެކަން ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޤާނޫނުތަކުގެ އަސާސީ މަޤްޞަދަކީ މިފަދަ ކުށްވެރިން ޙުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައިގެން ކުޑަކުދިން ރައްކާތެރިކުރުން ކަމަށްވާއިރު، އެ މީހުން ގޭބަންދަށް ދޫކޮށްފައިވަނީ ކޮން އުސޫލަކުންތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ނާޒުކު މައްސަލައަކަށް ވާތީ، މިކަމުގައި ޤާނޫނީ ޒިންމާ އޮތް ފަރާތްތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީއާއެކު 20 މީހުންގެ ލިސްޓެއް އާންމުކުރައްވައި ކުޑޫ ވަނީ، އެ މީހުން ޖަލުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯއާއި އެ މީހުން ގޭ ބަންދަށް ބަދަލުކުރީ ކޮން ޝަރުތުތަކާއެކުތޯ ބަލަން އެދިވަޑައިގެންފައެވެ. އަދި އެ މީހުން ތިބި ގޭގެއާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި އެ މީހުންގެ ފައިގައި ޓެގު ހަރުކޮށްގެން އެ މީހުން ހުރިތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ ހޯދަން ވެސް އެދިވަޑައިގަތެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މައްސަލައަށް އަވަސް އަދި ހަރުދަނާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ރައީސަށް އިލްތިމާސްކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 250 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ad