logo

އޭސީސީގެ ބަޖެޓު ބޮޑުކުރަން އެ އިދާރާއިން އެދިއްޖެ

މަޒީ
8 ގަޑިއިރު ކުރިން

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށާއި، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

މި ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ފަރާތުން ވާހަކަދައްކަވަމުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާއެވެ. މި ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކަށް ވަނީ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް ފުރުސަތު ދީފައެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ، ކޮމިޝަނުގެ ބޭސްލައިން ބަޖެޓުގެ ގޮތުގައި އެދިފައިވާނީ 53.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އޭސީސީއަށް ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާއެވެ. އެއީ އެދުނު އަދަދަށްވުރެ 6.4 މިލިއަން ރުފިޔާގެ މަދު އަދަދެކެވެ.

ނިލްފާ ވިދާޅުވީ، ހަރަކާތްތަކަށް ބާކީވާ ފައިސާގެ ތެރެއިން ތަހުގީގު ދަތުރުތަކަށް 200،000 ރުފިޔާ، ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް 100،000 ރުފިޔާ، އަދި ކޮރަޕްޝަން ހުއްޓުވުމުގެ ޕްރޮގްރާމްތަކަށް 100،000 ރުފިޔާ ވަނީ ކަނޑައަޅާފައި ކަމަށެވެ. މީގެއިތުރުން މުވައްޒަފުންގެ ތަމްރީނުތަކަށް 391،000 ރުފިޔާ އަދި ބައިނަލްއަގުވާމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމަށް 371،000 ރުފިޔާ ވަނީ ބަހާލައިފައެވެ. އެހެންކަމުން އޭނާ ވަނި ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިތުރު ބަޖެޓު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އަންނަ އަހަރު ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ޑިޕްލޮމާ ކޯހެއް ފެށުމަށް އެކޮމިޝަންގެ އެކަޑަމީން ތައްޔާރުވަމުން އަންނައިރު، ތަމްރީނުތަކަށް ކަނޑައެޅިފައިވާ ބަޖެޓު ކުޑަވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ބުނެ، ބަޖެޓު އިތުރުކޮށްދިނުމަށް އޭސީސީން ވަނީ މަޖިލީހުގައި އެދިފަ އެވެ.

މަޖިލީހުގެ ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިނިވަން މުއައްސަސާތަކުން އަންނަނީ އެ ފަރާތްތަކުގެ ގާނޫނީ ޒިންމާތައް އަދާކުރެވޭ މިންވަރަށް ބަޖެޓު ހަމަޖައްސައިދިނުމަށް އެދެމުންނެވެ.

ad