ރާއްޖޭގެ ތާރީހުގެ ތެރެއިން ޖުމްހޫރީ ވެރިކަންތަކުން މިސާލުތައް ނަންގަވާ، ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކަމުންދިޔަ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ ވަރަށް މަދު ބަޔަކު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު އެކި ކަންކަމުން މިސާލު ނަންގަވާ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ޒަމާނީ ތަރައްގީއަށް އިސްކަންދީ، ގައުމީ ވިސްނުން އިސްކުރާ ގައުމެއް ކަމަށެވެ. އެގޮތުން މީގެކުރިން ހިނގި ކަންކަމުގައި ދިވެހިން ވަނީ ހޭލުންތެރިކަމާއި، މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދީފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ހާދިސާތަކަށް ބަލާއިރުވެސް ދިވެހި ރައްޔިތުންކުރެ ގިނަ ބޭފުޅުން ކުރިއެރުމާއި ޒަމާނީ ތަރައްގީއަށް އަބަދުވެސް މަރުހަބާ ވިދާޅުވާކަން އެނގޭ. އިސްކުރައްވަނީ ގައުމީ ވިސްނުންކަން ސާފުވޭ. އެހެނީ ދިވެހިރައްޔިތުން އެވަނީ ހޭލުންތެރިކަމާއި، މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދެއްވާފައި. ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ގައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މިސާލު ނެންގެވީ މުހައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގައި އަންހެން ކުދިންނަށް ތައުލީމު އުނގަންނައި ދެއްވުމަށް ކުރެއްވި މަސައްކަތުގެ އިތުރުން ރަށްރަށުގައި މަގުކެނޑުއްވުމުގެ މަސައްކަތާއި އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމަށް ކުރެއްވި މަސައްކަތާއި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގެ ވާހަކައަށެވެ.
"ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހި ޤައުމަށް ގެންނަވަން ބޭނުންފުޅުވި ބައެއް ތަރައްގީގައި ކޮޅުފައިންޖަހަން ބައެއް މީހުން ތެދުވި ނޫންތޯ. އެކަމަކު މިއަދު އަޅުގަނޑުމެން ވިސްނާލީމާ އެނގޭނެ، އެހެން މަދު ދެތިން މީހަކު ގެންގުޅޭ އެކަހަލަ ހީނަރު ވިސްނުމަކަށްވުރެ، ގިނަ ބަޔަކު ޤައުމަށް ހެޔޮއެދިގެން އެ ދުވަހު އެ ނިންމި ނިންމުން ދިވެހީންގެ މުސްތަޤުބަލަށް މާ އަލި، މާ އުޖާލާ ދައުރުތަކެއް ގެނެސްދީފިކަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ހިތްޕުޅަށް ގެންނަވާ، އެ މަނިކުފާނު އަންހެން ކުދީންނަށް ތަޢުލީމު ލިބެންޖެހޭނެކަމަށް ވަކާލާތުކުރައްވަން ފަށްޓަވައިގެން ކުރިމަތިވެވަޑައިގަތް ގޮންޖެހުންތައް. އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮނުވާވަރު ކަމެއްކަމަށް އޭރު ބައެއް މީހުން ރައްޔިތުންނަށް ވިސްނައިދޭން ފެށި. އެންމެފަހުން މުހައްމަދު އަމީން އެ ހެޔޮ ނަސީބު ދިވެހި ދަރީންނަށް ހޯއްދަވައިދެއްވީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން، ގާނޫނީ ބާރުވެރިކަން އެ ކަމަށް ފަހިކުރައްވައިގެން. ދެން މިއަދު ތިޔަބޭފުޅުން ވިސްނައިވަޑައިގެން ބައްލަވާ. އަންހެން ކުދީންނަށް ތަޢުލީމު ދިނުމުން ޤައުމާއި ދީނަށް ލިބުނީ ގެއްލުންތޯ ނުވަތަ ފައިދާތޯ."
ނާސިރުގެ ވެރިކަމަށް އަލިއަޅުއްވާލައި ރައީސް މުއިއްޒު ވިދާޅުވީ އެ ވެރިކަމުގައި މަސް ދޯނިފަހަރުތަކުގައި އިންޖީނު އެޅުމުގެ ވާހަކަ ދައްކަން ފެށުމުން މަދު ބަޔަކު ނުކުމެ ބުނީ އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ދާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އެތައް ފައިދާއެއްވިކަން ރައްޔިތުން ވިސްނާލުމުން އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކިހިނެއްތޯވީ. މަދުބަޔަކު މި ކަމަށްވެސް [އިންޖީނު އެޅުމަށް] ވަރަށް އިންކާރުކުރި. އެ މީހުން ބުނީ އޭރުން އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ދާނީއޭ. މަހެއް ނުބޭނޭނެއޭ. އެކަމަކު ހެޔޮ ވިސްނިވަޑައިގަންނަވާ ބޭފުޅުން ކިހިނެއްތޯ ހެއްދެވީ. ޅ. ނައިފަރު އުންމީދު ދޯނީގެ ނެވިފަރާތުން އެ ދޯނީގައި އިންޖީނު އެޅުއްވި. އެނޫންވެސް އެތައް އޮޑިވެރީންނެއް އިންޖީނު އަޅަން ފަށައިފި. ދެން މިއަދު އަޅުގަނޑުމެން މިކަމާމެދު ވިސްނާލީމާ ކުރެއްވެނީ ކޮންކަހަލަ އިޙްސާސެއްތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަން ފުރަތަމަ ތައާރަފްކުރަން ބޭރުގެ ތަޖުރިބާކާރުންނާ ހަވާލުކޮށްގެން ހެދި ފީސިބިލިޓީ ސްޓަޑީގައި ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުންނާތީ އެކަން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމަކީ މިއަދު ދިވެހި އިގްތިސާދުގެ އެންމެ އުސް ތަނބު ކަމަށެވެ.
"ފުރަތަމަ ބޭރުގެ ތަޖުރިބާކާރުން މެދުވެރިކޮށް ފީޒިބިލިޓީ ދެނެގަތުމަށް [ރާއްޖެއަށް ފަތުރުވެރިކަން ގެންނަން] ދިރާސާއެއް ކުރެވުނު. އެ ބޭފުޅުންގެ ރިޕޯޓުގެ ނިންމުމުގައި އޮތީ ކީކޭތޯ. ދިވެހިރާއްޖެއަކީ ދުރުދުރުގައި ރަށްތައް އެތުރިފައިވާ ރާއްޖެއަކަށްވާތީ، ދަތުރުފަތުރަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގައި އުފައްދައި ކުރިއެރުވިދާނެ ސިނާއަތެއް ނޫންކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ދިވެހީން ދުނިޔެއަށް މި ދިން ތަހުޒީބު ޢަމަލީ ޖަވާބަކީ ކޮބައިތޯ. ދިވެހިރައްޔިތުންކުރެ ދެތިން ބޭފުޅަކު އިސްނަންގަވައިގެން ވަރަށް އާދައިގެ ގޮތަކަށް ބުރަ މަސައްކަތްތަކެއް ފެށްޓެވީ ނޫންތޯ. ހަމަ އެހެންމެ، ދިވެހީންގެ ތެރެއިން މަދު ބަޔަކު ހަޖޫޖެހުމާއި، ނަފުރަތުގެ ބަސްތައް އުފަންކުރުވި ނޫންތޯ. ނަމަވެސް، އުމްރާނީ އިޤުތިޞާދީ މިފަދަ އާ ވިސްނުންތަކުގެ ނަތީޖާ ބައްލަވާ. މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގްތިސާދުގެ އެންމެ އުސް އެއް ތަނބު ނޫންތޯ."
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އެ ތަރައްގީ ގެންނާނީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ ހިނިތުންކުރުވުމުގެ މަގްސަދުގައި ކަމަށެވެ.

