logo

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދޭން ޒަމާނީ ދެ ޑްރޯން ރާއްޖެއަށް ގެނެސްފި

މަޒީ
7 ގަޑިއިރު ކުރިން

އެކި ރަށްރަށަށް ޑްރޯންގެ އެހީގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށް ޓަކައި ޒަމާނީ ދެ ޑްރޯން ރާއްޖެ ގެނެސް، ސްޓޭޓް ފާމާއާ ހަވާލުކޮށްފިއެވެ.

މި ދެ ޑްރޯނަކީ މިނިސްޓްރީ އޮފް ހެލްތުން ގެނެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ވަސީލަތްތަކެކެވެ.

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރ، ޑރ. ޝާހް މާހިރު ވިދާޅުވީ މި ޑްރޯންތަކަކީ ބެޓެރީ އޮޕަރޭޓެޑް އެއްޗެއް ކަމުން ބޭހާއި އިންޖެކްޝަން ފަދަ ތަކެެތި ފޯރުކޮށްދިނުމަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

މި ޑްރޯންތަކުގެ ޓެކްނޮލޮޖީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ މިއީ ވަރަށް ބޮޑަށް އޮޓޮމޭޓްކޮށްފައިވާ ވަސީލަތެއް ކަމަށެވެ. އަދި ޖިއޯލޮކޭޝަން ޕްރޮގްރާމްކޮށްގެން، ކަނޑައެޅޭ ވަކި ތަނަކަށް ވަރަށް ފުރިހަމަ ޕްރެސިޝަނާއެކު މި ޑްރޯންތައް ލޭންޑްކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ފެށުމުގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހިމެނޭހެން ކަމާގުޅޭ އިދާރާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވާފައިވާކަމަށް ވެސް ސްޓޭޓް ފާމާއިން ބުނެއެވެ.

ad