ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި އޮންލައިން ޕެޓިޝަނުގައި 8،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ޕެޓިޝަނުގައި ގޮވާލާފައިވަނީ ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމުކުރުމަށާއި އެރޭ ޔުމްނުއާ އެކުގައި އުޅުނު މައްސަލައިގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށްވެސް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށާއި ހަމަހަކަމާއި އިންސާފުވެރި ދައުލަތެއް ގާއިމްކުރަން ގޮވާލައި ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާ ފާއިތުވީ ތިން ރޭވެސް މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ ރެއަކަށްވުރެ ރެއެއް ގިނަމުންނެވެ. ރޭގެ މުޒާހަރާގައި ވެސް ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިއްޔެވަނީ ފަސް ދުވަސް ޖަހައިދީފައެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވަނީ ރައުދުއާއި ޔުމްނު އާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައި ވާކަމަށެވެ.
އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ޔުމްނު ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާކަމަށްވެސް ކޯޓުގައި ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ރައުދު އެހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.
ކޯޓުގައިވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައެއް ނުވެއެވެ.
ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާކަން ފާހަގަކޮށްފައެވެ. އަދި ރައުދުއަކީ މީގެ ކުރިން މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް އޮތް ފަރާތެއް ނޫންކަމަށް އޭނާގެ ވަކީލު ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި، އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ މީހުންގެ ފުރުން މަނާކޮށް ޕާސްޕޯޓުވަނީ ހިފައްޓާފައެވެ. އަދި ފުލުހުން މިއަދު ބުނެފައިވަނީ، މި މައްސަލައިގެ ތަހުޤީޤަށް ކޯޓު އަމުރެއްގެ ދަށުން ޖުމުލަ 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.