މީޑިއާ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ 18 އަހަރު ވެއްޖެއެވެ. 2006 ވަނަ އަހަރު ޓީވީއެމްގެ ނިއުސްކާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ރިޒްނާ ޒަރީރުއަކީ ދާއިރާ ނިކުތްއިރުވެސް މިނިސްޓްރީ އޮފް އާރްޓްސްއިން ހިންގި ޖަރނަލިޒަމް ކޯސް ފުރިހަމަކޮށް މިދާއިރާއަށް ނިކުތް ނޫސްވެރިއެކެވެ. އެގޮތުން ޚަބަރު ލިޔުމާއި، ޚަބަރު ކިޔުމާއި، ޕްރޮގްރާމް ޕްރެޒެންޓް ކުރުމުގެ އިތުރުން އެޑިޓް ކުރުމާއި ޕްރޮގްރާމް ހުށަހެޅުމަކީވެސް މިދާއިރާގައި ރިޒްނާކޮށްފައިވާ މަސައްކަތެއެވެ.
ރިޒްނާ ޒަރީރް ދިވެހިޗެނަލުގެ 2 އެއްގެ ހަބަރު ހުށަހަޅަނީ
ދައުލަތުގެ މީޑިއާ ޓީވީއެމްގައި މަސައްކަތްކުރި އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓީވީއެމް ބިޔުރޯތަކުގައިވެސް ހީވާގި ކަމާއިއެކު އޭނާ ވަނީ މަސައްކަތްކޮށްފައެވެ. 2010 ވަނަ އަހަރު ޓީވީއެމްއިން ވަކިވުމަށްފަހު 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެޓީވީއާއި ގުޅުނީ ޕާރޓްޓައިމް ޖަރނަލިސްޓެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ކެރުންތެރިކަމާއި ހިތްވަރާއި ކުރި ބުރަ މަސައްކަތުން އެސްޓޭޝަންގެ، ސްޓޭޝަން އިންޗާޖްގެ މަޤާމާއި ހަވާލުވިއެވެ. ޚަބަރު ކިޔުމުގަޔާއި ޕްރޮގްރާމްތައް ޕްރެންޓްކުރަން ފެށުމުން ގިނަ ބަޔަކު އޭނާގެ މަސައްކަތް ބަލައިގަތެވެ.
ރާއްޖެޓީވީން މީހުންގެ މަގްބޫލުކަން ހޯދި ރިޒްނާ ޒަރީރަކީ ނޫސްވެރިއެއްގެ ގޮތުގައި އެމޫނަކަށް ރާއްޖޭގެ އާބާދީ ފަރިތަ މޫނެކެވެ. ރާއްޖެޓީވީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެސްޓޭޝަންގެ، ސީނިއަރ ވީޑިއޯ ޖަރނަލިސްޓްކަމާއި، ސްޓޭޝަން އިންޗާޖްކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރގެ މަޤާމް އަދާކޮށްފައެވެ. މީޑިއާ ދާއިރާގައި 2006 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ރިޒްނާ ޒަރީރަކީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާގެ ޚަބަރުތައް ކަވަރުކުރުމުގެ ޝައުގުވެރިކަން ހުންނަ ނޫސްވެރިއެކެވެ. ރިޒްނާއަކީ ޕްރޮގްރާމު އުފައްދައި، ހުށަހަޅައިދީ އަދި ޚަބަރު ކިޔަމުން އަންނަ ހުނަރުވެރި ނޫސްވެރިޔެކެވެ. ރިޒްނާ ވަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު "އައްޑޫ އެވޯޑް" ހާސިލްކޮށްފައެވެ.
ރިޒްނާ ޒަރީރު ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއަކީ މިއަދު އޭނާއަށް އާދެވިފައިވާ ހިސާބެވެ. އޭނާ ގެންދަނީ މިއަދު ނޫސްވެރިކަމުގެ އެންމެ އުސް ހަރުފަތް ގިރާކޮށް ނަން ވިދާލަމުންވެ. ގަދައޮއިބާނިތަކާއި ބިޔަ ކަނޑުގެ ރާޅުތައް މުގުރާލާ ރިޒް މިސްރާބުޖެހީ އުއްމީދުގެ އަލިކަމަކާ ދިމާލަށެވެ. އާދެ! މިއަދު ރިޒްގެ ކުރިއެރުން އެއީ މިދާއިރާއަށް އަލަށް ވަންނަ ކުދިންނާއި އުއްމީދު އޮތް ކޮންމެ ކުއްޖަކަށް ހުރި ލާމަސީލު ނަމޫނާއެކެވެ.
ރިޒްނާ ޒަރީރް ދިވެހި ޗެނަލާ ގުޅުމަކީ ޗެނަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ބެޗްލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކޮށް މިހާރު މާސްޓާރސް އިން އާޓްސް އެންޑް ޖަރނަލިޒަމް ފުރިހަމަކުރަމުންދާ ރިޒްނާ އަކީ ދިވެހިޗެނަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސިއީއޯ)ގެ މަގާމުގައި ހުންނެވި ފަރާތެވެ. އޭނާ ވަނީ ލީޑަރޝިޕް އިން މެނޭޖްމަންޓްއިންވެސް ޑިޕޮލޮމާ ހާސިލްކޮށްފައެވެ. ރިޒްނާ ދިވެހި ޗެނަލުގައި ކުރާ މަސައްކަތުގެ ތެރޭގައި މުޅި ނިއުސް ރޫމް ބެލެހެއްޓުމުގެ އިތުރުން އޮފީހުގެ މާކެޓިންއާ އެކު ހުރިހާ ކަމެއް ބަލަހައްޓައެވެ.
އަދި ސްޓާފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ހުރިހާ ސްޓާފުންނަށް އެކިކަން ކަމުގައި ދެވޭ އިރުޝާދުތަކާއި ކިޔައިދޭ އުކުޅުތައް އެއީ ހިންގުންތެރި ވެރިންގެ ކިބައިން ފެންނާނެ އެންމެ ރީތި މިސާލުތަކެވެ. ދިވެހިޗެނަލުގައި ރިޒްނާ މަސައްކަތް ކުރާތާ އަދިވީ 2 މަސްދުވަހެވެ. ނަމަވެސް ތަފާތުކުރުމެއް ނެތި ހުރިހާ ސްޓާފުންނަށް ބަހައްޓާ ގާތްކަމާއި، އެކުވެރިކަމާއި ގުޅުން އެއީ ސްޓާފުންނަށް އޭނާ ދޭ އަހަންމިއްޔަތާއި ޙާއްސަ ގަދަރެވެ.
ވޮލީ ކުޅުމަށް ޝައުގުވެރިކަން ހުންނަ ރިޒްނާ އަކީ ވޮލީ ބޯޅަ ރެފްރީއެއްވެސްމެއެވެ. ރިޒްނާ އަކީ ހުނަރުވެރި އަންހެނެކެވެ. އެގޮތުން ފެޝަން ޑިޒައިނިންގެ މަސައްކަތަކީވެސް އޭނާކޮށް އުޅުނު މަސައްކަތެއެވެ. އަމިއްލައަށް ހެދުން ފަރުމާކޮށް ފެހުމަކީ އޭނާ ވަރަށް ޝައުޤުވެރިކަން ހުންނަ ކަމަށްވާއިރު ކޭކް އެޅުމަކީވެސް ކޮންމެވެސް ވަރަކަށްކޮށް އުޅޭ ކަމެކެވެ. އެގޮތުން ބައިވެރިވި ކޭކް ކޯހުން އޭނާ ވަނީ 2 ވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން ރިޒްނާގެ މަންމަ ކުރަމުންދާ ކަސަބު ލިބާސް ފެހުމުގެ މަސައްކަތްވެސް އޭނާ ވަނީ ދަސްކޮށްފައެވެ.
ރިޒްނާ ބުނި ގޮތުގައި ވިޔަފާރި ޙަބަރު ލިޔުމުގެ މަސައްކަތުގައި ހޭދަވި ދުވަސްތަކުގައި އަމިއްލަ ވިޔަފާރި އެއް ކުރުމުގެ ޝައުވެރިވެރިކަން ވަރަށް ބޮޑަށް ހުރުމުން، ބައްޕައާއި އެކު މިހާރު އައްޑޫ ސިޓީގެ ހިތަދޫގައި "އާރްޒެޑް ކޮފީ ހައުސް"ގެ ނަމުގައި އަންނަނީ ކެފޭ އެއްވެސް ހިންގަމުންނެވެ.
ރިޒްނާ ފަދަ ކަނބަލެއް ސީއީއޯގެ ގޮތުގައި ދިވެހިޗެނެލަށް ލިބުމަކީ ހަގީގަތުގައި މުޅި ދިވެހި ޗެނެލަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން ސްޓާފުންގެ ހުނަރާއި ކުރިމަގު ބައްޓަން ކުރުމަށް ލިބުނު ބާރެއްކަން ކަށަވަރެވެ.